ބައިނަލްއަޤްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް އިތުރަށް ވަނުމަށް ދިވެހި ރާއްޖެއަށް ބޭނުންކުރެވެން ހުރި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެކަމުގެ ޔަޤީންކަންވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިޔަގީންކަން ދެއްވީ އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގެ ޕްލިނަރީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ތަރައްޤީވަމުން އަންނަ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއިއެކު އެއްކޮށް މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި، ރާއްޖެއަށް ފައިދާކުރަނިވި އިޤްތިޞާދީ ފުރުސަތުތައް ހޯދުމަށްޓަކައި އިތުރު ގުޅުންތައް ޤާއިމްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވާހަކަފުޅުގައި، 1978 ވަނަ އަހަރު ބޭއްވުނު ސައުތު-ސައުތު ކޯޕަރޭޝަންގެ ފުރަތަމަ ހައި-ލެވެލް ބައްދަލުވުމަށްފަހު ތަރައްޤީވަމުން އަންނަ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ކުރިއަރަމުން އަންނަ ދުނިޔޭގެ އިޤްތިޞާދުގެ އިންޖީނުކަމަށާއި، އެގުޅުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙިއްސާ އިތުރުވަމުން އަންނަކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ޒަމާނުއްސުރެ ތަރައްޤީވެފައިވާ ޤައުމުތަކުން ރާއްޖެއަށް ލިބޭ ތަރައްޤީގެ އެހީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ދިވެހި ރާއްޖެ ބަދަލުވުމުން ރާއްޖެއިން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިތުރު ފުރުސަތުތަކެއް ހޯދަން ޖެހިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އާޖެންޓީނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކޮންފަރެންސްގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އަދި ޑެލިގޭޝަންތަކުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި އެކި ދާއިރާތަކުން، ޚާއްސަކޮށް އިޤްތިޞާދީ ދާއިރާގައި އެޤައުމުތަކުންވެސް ޝައުޤުވެރިވާ ކަންކަމުގައި މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުން ކުރިއަށްދަނީ މާރޗް މަހުގެ 20 އިން 22 އަށް އާޖެންޓީނާގެ ބޮއެނަސްއައިރިސްގައެވެ. މި ކޮންފަރެންސް މި ބާއްވަނީ 1978 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 އިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 އަށް ބޮއެނަސްއައިރސްގައި ކުރިއަށްދިޔަ އދގެ ކޮންފަރެންސް އޮން ޓެކްނިކަލް ކޯޕަރޭޝަން އެމަންގް ޑިޥެލޮޕިންގ ކަންޓްރީސް ބޭއްވުނުތާ 40 އަހަރު ފުރުމާއި ދިމާކޮށެވެ. އެބައްދަލުވުމުގައި ބޮއެނަސްއައިރިސް ޕްލޭން އޮފް އެކްޝަން ފޮރ ޕްރޮމޯޓިންގ އެންޑް އިމްޕްލިމެންޓިންގ ޓެކްނިކަލް ކޯޕަރޭޝަން އެމަންގް ޑިވެލޮޕިންގ ކަންޓްރީސް ޤައުމުތަކުން ވަނީ ބަލައިގަނެފައެވެ.

ސައުތު-ސައުތު ކޯޕަރޭޝަނަކީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ސަޤާފީ، ފަންނީ އަދި ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޒީރާ

    ދަރަނި ނުނަގަން ، ވަޒީފާއިން ނުކަނޑަން ، މަސްވެރިންނަށް ދުވަހުންދުވަހަށް ފައިސާދޭން ، ޑީސަލް އަގުބޮޑުނުކުރަން ، ބޭސްފަރުވާ ބަރާބަރުކުރަން ވަޢުދުވެގެން ފޮކިފޮކުން ތޮޅިޔަށްދިޔަބީދައިން ހުރިހާކަމެއް ތޮޅިޔަށްގޮސް ނިމިއްޖެ! އެއްކަމެއްނުވެތިއްބަ ވެރިކަން ވެއްޓޭނީ އިންޝާއަﷲ

  2. ކިނބޫ

    އުނހުޫ ޫ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފައިގެން ނުވާނެ. ހުރިހާ ފުރުސަތެއްގެ ބޭނުން ކުރުމުގެ ހުއްދަ ކަލެއަށް ދިނީ ކާކު؟ ކާކު؟ ކާކުހޭ؟

  3. ޝާޢިރާ

    ފޮތިކޮތަޅުވިޔަފާރި ފަށަންވީނު ކަލޭ؟

  4. މޯޑް

    އެހެންވެތާ އެމްޑީޕީ ކުދިން ކޮޅު އިސްލާމް ދީނަށް ފުރައްސާރަ ކުރާ އިރު ވެސް ސަރުކާރުން ބަލަން ތިބެނީ

  5. ހިހި ހިހި

    ޢަވަހަށް އެހެންކިޔާފަ އިސްރޭލްއާ ވިޔަފާރީ ގުޅުން ބަދަހިކުރޭ. އެއިރުންނެންނުން މުސްލިމުން މަރާ، ތަޅާ، ރޭޕްކޮއްގެން މުސްލިމުންގެ ލެއިން ބިނާކޮއްފައިވާ އިގްތިސާދުން ބައެއް ޖަޒީރާ މީހުނަށް ލިބޭނީ

  6. Anonymous

    ހުރިހާ ފުރުސަތެކޭ މިކިޔަނީ އެއްކަލަ ޖަޒީރާ ކެންޕޭނަށް ހަރަދުކޮއް ރާއްޖޭގެ އަދުލު އިންސާފް ގަނެވިއްކަން ފަންޑުކޮއްދިން އިސްރޭލްގެ ވާހަކަދޯ؟