ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓްތައް ހުރި ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ މިހާރު އާއްމު ކަމެކެވެ. މުއްސަނދިންނަށް ބޭނުންވާ ފަދަ ޚިދުމަތްތައް ވެސް ރިސޯޓްތަކުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޖުމޭރިއާ ވިއްޓަވެލި ރިސޯޓުން މިވަނީ އާދަޔާއި ހިލާފަށް އަގުބޮޑު ރޭގަނޑުގެ ކެއުމެއް ވިއްކަން ފަށާފައެވެ.

މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭނެ މި ކެއުމުގެ އަގަކީ 500000 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 7.7 މިލިއަން ރުފިޔާ އެވެ. އެންމެ ރެއެއްގެ ކެއުމަކަށް 7.7 މިލިއަން ރުފިޔާ ޚަރަދު ކުރާވަރުވޭ ހެއްޔެވެ؟

ޖަވާބު ދިނުމުގެ ކުރިން ވިއްޓަވެލި ރިސޯޓްގެ ކެއުމުގެ ހާއްސަ ކަންތައްތައް ބަލާލަން އެބަޖެހެއެވެ. މި ކެއުމަށް އޯޑަރު ކުރާ މީހަކު ހުރީ ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވީނަމަވެސް ޕްރައިވެޓް ޖެޓެއްގައި އޭނާ ރާއްޖެ ގެނައުމުގެ ކަންކަން ވިއްޓަވެލި ރިސޯޓުން ހަމަޖައްސާނެއެވެ. ކަސްޓަމަރު އެކަމަށް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

ވެލާނާ އެއާޕޯޓަށް ޖެޓް ޖެއްސުމުން ޕްރައިވެޓް ލޯންޗެއްގައި ކަސްޓަމަރު ރިސޯޓަށް ގެންދާނެއެވެ. އެނބުރި އެއާޕޯޓަށް އައުމަށް ސީޕްލޭނެއް ވެސް ރިސޯޓުން ޗާޓަރު ކޮށްދޭނެއެވެ.

ޖުމޭރިއާ ވިއްޓަވެލި ރިސޯޓް
ޖުމޭރިއާ ވިއްޓަވެލި ރިސޯޓް

"ހައިޑް" ނަމަކަށް ކިޔާ ރެސްޓޯރެންޓްގައި ކެއުން ތައްޔާރު ކޮށްދޭނީ ދުނިޔެއަށް މަޝްހޫރު ކައްކާއެއް ކަމަށްވާ އޮލީ ޑަބަސް އެވެ.

އާއްމު ގޮތެއްގައި ކޮންމެ ރެސްޓޯރެންޓަކުން ވެސް އަހަރެމެންނަށް ލިބެނީ އެއްމެ މެނޫ އެކެވެ. ނަމަވެސް ވިއްޓަވެލި ރިސޯޓްގެ އަގުބޮޑު ކެއުން ބޭނުންވާ ފަރާތްތަކަށް ނުވަ މެނޫއެއް ލިބޭނެއެވެ. އޭގެތެރެއިން ބޭނުން ކޮންމެ އެއްޗެއް ކެއުމަށް ތައްޔާރު ކޮށްދޭނެއެވެ.

މިހުރިހާ ކަމެއް ފުރިހަމަ ވުމާއި އެކު ފަސް ދުވަހު ރިސޯޓްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް މިކެއުން ގަންނަ ފަރާތްތަކަށް ލިބޭނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޚަބަރު ފަތުރާ ވަސީލަތްތަކުން މިހާރު ދަނީ ވިއްޓަވެލީގެ އަގުބޮޑު ކެއުމުގެ ޚަބަރު ގެނެސްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާނެކޭ

    މީދެން ބޮޑުވަރު

    17
    3
  2. އަންނި

    މަށަށް ނެތް ތަ ޑިސްކައުންޓެއް. މަބަލާ އަންނާކަށް ނުޖެހޭނެ، މަދާނަށް ފަތާފަ/

    24
    2
  3. ޗަކޮއި

    ތިއިން ރައްޔިތުމީހާގެ ޖީބަށް އެއްޗެއް ވަދޭބާ؟؟

    9
    2