މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އެ ބޭންކްގެ އާ ހެޑްއޮފީސް ހުންނާނީ، މެދުޒިޔާތްމަގުގެ، މެދުޒިޔާރަތް ދޮށުގައެވެ.

މިއަދު އެ ސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުވާދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް އާއި އައިސީޑީގެ ސީއޯއޯ އައިމަން އަމިންް ސަޖެނީއެވެ.

އަލަށް ހުޅުވި އެމްއައިބީގެ އޮފީހުން ކުރީގެ އޮފީހުން ދެމުން ގެންދިޔަ ހިދުމަތްތައް ލިބެމުން ދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ބޭންކުން ދެމުން ގެންދާ ހިދުމަތްތައް ހަރުދަނާ ކުރެވިގެން ދާނެކަމަށް އެމްއައިބީ އިން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމިން ވިދާޅުވީ، އެމްއައިބީގެ އާ އިމާރާތަކީ، އެ ބޭންކްއަށް ލިބިގެން ދިޔަ ކުރިއެެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަބަދުވެސް ތައްޔާރަށް ތިބިކަމަށާއި، ޝަރީއާ ކޮމްޕްލިއެންޓް ޕްރޮޑަކްޓްތަކާއި ސާވިސްތައް ރާއްޖޭގެ ރައްޔިތުންނަށް ދިނުމުގައި ތިބޭނެކަމަށް ވިދާޅުވިއެެވެ.

އެމްއައިބީގެ އާ އޮފީސް ރަސްމީކޮށް ހުޅުވުން - ވަގުތު އިމޭޖަސް

ފިނޭންސް މިނިސްޓަރ އަމީރް ވިދާޅުވީ، 2011 ވަނަ އަހަރު ހުޅުވިގެން ދިޔަ އެމްއައިބީއަކީ ރާއްޖޭގެ އިސްލާމިކް ބޭންކިންގ ސެކްޓަރ ކުރިއެރުވުމަށް މަސައްކަތް ކުރި އެއް ބޭންކް ކަމަށެވެ. އަދި އެމްއައިބީއަކީ ރީޓެއިލް ބޭންކިންގ ސެކްޓަރގެ ހިދުމަތްތައް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ އަދި ރީޓެއިލް މާކެޓަށް ގިނަ ޕްރޮޑަކްޓްތަކެއްވެސް ނެރެދީފައިވާ ބޭންކެއް އަމީރް ވިދާޅުވިއެވެ.

"2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ހުޅުވިގެން ދިޔަ މި ބޭންކަކީ، ރާއްޖެއަށް ގެނެސްދިން ކުރިއެރުވުމެއް ކަމަށާއި، އަދި މިހާރުވެސް ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ސެކްޓަރ ކުރިއަރުވައި، ރާއްޖެއަކީ މި ރީޖަންގައި ހުރި އިސްލާމިކް ފައިނޭންސް ދާއިރާގެ ހަބަކަށް ހެދުމަށް މަސައްކަތް ކުރަމުން އެބައާދޭ". އަމީރް ވިދާޅުވިއެވެ.

އެ ބޭންކް ހިންގާނީ، އެ އިމާރާތުގެ އެންމެ ތިރީ ބައިގަ އާއި، ފުރަތަމަ ފަންގިފިލާގައެވެ.

އިސްލާމިކް ބޭންކް އިން މިހާރުވެސް 80000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން ގެންދެއެވެ. އެ ބޭންކްގެ ބްރާންޗްތައް ރާއްޖޭގެ އަށް އަތޮޅެއްގައި ވަނީ ހުޅުވާލާފައެވެ.

މިއަދުގެ ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ހައުސިންގ މިނިސްޓަރ އާާމިނަތު އާތިފާ އަދި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ބައިވެެެެރިވެވަޑައިގެންފައެވެ.