އެސްއެމްއީ ބޭންކުން ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތު ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ހުޅުވާލަައިފި އެވެ.

މި ލޯނަށް ހުޅުވާލި އިރު މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކުރަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

ކަނޑުފަޅުގެ ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރ. އެވެ. ކަނޑުފަޅުގެ ނަފާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ މެއި 26 ވަނަ ދުވަހާ ހަމައަށެވެ. ލޯނާބެހޭ އިތުރު މައުލޫމާތު ފިޝަރީޒް މިނިސްޓްރީންނާއި، އެސްއެމްއީ ބޭންކް، އެސްޑީއެފްސީ އިން ލިބޭނެއެވެ.

މި ލޯނަކީ ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދަން ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި ދޫކުރާ ލޯނެކެވެ.

އެސްއެމްއީ ބޭންކުންވަނީ މިމަހު 19 ވަނަ ދުވަހު ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން "ދަނޑުވެރި ނަފާ" ލޯނު ދޫކުރަން ވެސް ފަށާފަ އެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނަކީ ގައުމުގެ ތިންބައިކުޅަ ދެ ބައި މީހުންނަށް އެހީވެދޭނެ ލޯނެއް ކަމަށާއި އެ ލޯނުގެ ބައެއް އަންހެނުންނާއި ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެސްއެމްއީ ބޭންކެއް ރާއްޖޭގައި ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.