ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް އެމްއެމްއޭ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާލީ ދާއިރާ އަށް ހޭލުންތެރިކުރުމުގެ ގޮތުން ' މާލީ ބަހުސް' ގެ ނަމުގައި ބަހުސްއެއް ބާއްވައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން ބޭއްވި މި ބަހުސްގައި ވާހަކަދެއްކި ދެ ޓީމް އެކުލަވާލާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ.

މޯލްޑިްވްސް މަނިޓަރީ އޮތޯރިޓީގައި ރޭ ބޭއްވި މި ބަހުސްގެ މައުޟޫޢަކީ 'ދިވެހި މުޖްތަމައުގައި ފަހަށް ރައްކާކުރުމުގެ ސަގާފަތް ދިރުވަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުންނަށެވެ.'

މި ބަހުސްގެ ޝަރަފުވެރިމެހެމާނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު އެވެ. މި ބަހުސް ބައްލަވާލެއްވުމަށް މާލީ ދާއިރާގެ އިސްބޭފުޅުންނާއި ބައެއް ދަރިވަރުން ހާޒިރުވިއެވެ.

ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރިކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކޮށްގެން ފާހަގަކުރާ ހަފްތާއެކެވެ.