ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކޮންމެ ހަފްތާއަކު ޤަވައިދުން އާއްމު ކުރަމުން ގެންދިޔަ ސަރުކާރުގެ މާލީ ހިސާބުތަކުގެ މައުލޫމާތު ހާމަކުރުން ހުއްޓާލައިފިއެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ފާއިތުވި ހަފްތާގެ މާލީ ހިސާބުތައް ހާމަކުރަމުން ގެންދިޔަ ނަމަވެސް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެމައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ފިނޭންސް މިނިސްޓްރީން މާލީ ހާލަތު އާއްމު ކޮށްފައި ވަނީ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

ފެބްރުއަރީ މަހުގެ 16 އާއި ހަމައަށް މާލީ ހިސާބުތައް އާއްމު ކުރަމުން އައީ ކޮންމެ އާދީއްތަ ދުވަހަކު އެވެ. ނަމަވެސް އޭގެ ފަހުން ހިސާބުތައް އާއްމު ކުރަމުން އަންނަނީ ކޮންމެ ބުރާސްފަތި ދުވަހަކު އެވެ. އެންމެ ފަހުން މާލީ ހިސާބުތައް އާއްމު ކުރިތާ މިހާރު 11 ދުވަސް ވެފައި ވާއިރު އަދި މާލީ ހިސާބުތައް އާއްމު ނުކުރުމަކީ ވެފައިވާ ވައުދާއި ސަރުކާރުން ހިލާފުވުމެވެ.

ކޮންމެ ހަފްތާއަކު އާއްމު ކުރަން ވައުދުވި މާލީ ހިސާބުތައް އަހަރުގެ ތިން މަސް ދުވަހު ވެސް ހާމަނުކޮށް ހުއްޓާލި ސަބަބު ހޯދަން "ވަގުތު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ ބޭފުޅަކަށް "ވަގުތު" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން ސަރުކާރުން އާއްމު ކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ އާމްދަނީ 5.3 ބިލިއަން ރުފިޔާ އަށް މިއަހަރު ވަނީ އަރާފައެވެ. އަދި ދައުލަތުން ވަނީ 4.1 ބިލިއަން ރުފިޔާގެ ޚަރަދު ކޮށްފައެވެ.

ހިލޭ އެހީގެ ގޮތުގައި މިއަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ޞާލިހް ދާދިފަހުން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 387 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ މާލީ ހިސާބުތައް ކޮންމެ ހަފްތާއަކު ހާމަކުރައްވާނެ ކަމަށް ރައީސް ޞާލިހް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒީރޯޓޮލަރެންސް

    އެޖެންޑާ19އިގެ ޒިރޯޓޮލަރެންސް ޖެހެންފަށަނީތި.

    20
  2. އާދަނު

    ވައްކަން ކުރަަން ވިސްނަނީ ދޯ!

    18
  3. އަހްމަދު

    ތިހިސާބުތައް އާންމު ނުކުރިއްޔާ ރަނގަޅީ. ތިހިސާބުތައް އާންމުކުރަނީ އޮޅުވާލާގެ މުޅިންދޮގުކޮށް ރައްޔިތުން ހިތްހަމަޖައްސަން. އެކަމަކު އެންމެންނަކީ މޮޔައިން ނޫންވީމާ އެމަކަރު ފަޅާއެރީމާ ހުއްޓާލީ.

    20
  4. ބުރޯ

    ކޮންތާކު މިޖެހުނީ ގައުމު އޮރިޔާން ކުރާޕާޓީ އަށް ވެރިކަމަށް އާދެވުނީމަ އޮރިޔާން ކުރަށް ފަށާފަ ހަޑިހިސާބަށަ ދެވުނީމަތޯ ތިޔަ ހުއްޓާލެއްވީ

    20
  5. އޮސްކާ

    ޕާޓީ ކުދިން ރީލޯޑިންގ.....

  6. ހުސޭނުބޭ

    މިހާރު ތަންކޮޅެއް ފަސޭހައިން ކާލެވޭނެ!