މި ހިންގާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީން ބިލިއަނެއްހާ ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި ދައުލަތުން ހަރަދުކޮށްފައިވަނީ 5.1 ބިލިއަން ރުފިޔާއެވެ.

ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތުން 4.1 ބިލިއަން ރުފިޔާ ހަރަދުވެފައިވަނީ މުސާރައާއި ދައުލަތް ހިންގުމަށް ހަރަދަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ސަރުކާރުގެ އިދާރީ ހިންގުމަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

ފުރަތަމަ ތިންމަހު 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ވޭތުވެދިޔަ ތިން މަސްތެރޭ ދައުލަތަށް ވަނީ ބިލިއަނެއްހާ ރުފިޔާ އިތުރަށް ލިބިފައެވެ.

ދައުލަތަށް ތިންމަސް ދުވަހުގެ ތެރޭގައި ލިބިފައިވާ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.

އޭގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާއި ޖީއެސްޓީގެ ގޮތުގައި ލިބުނު 730 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 765 މިލިއަން ރުފިޔާއަށް އަރައެވެ.

އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 446 މިލިއަން ރުފިޔާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާރީޚު ދިވެހި ރާއްޖެ.

    އެއްވެސް ޕީ އެސް އައި ޕީ ޕްރޮޖެކްޓެއް ނުހިނގާ ހަމައެކަނި ރިކަރެންޓް ޚަރަދަށް ތިޔަ ޚަރަދު ކުރަމުންދަނީ! އަދި މިހައިތަނަށް ކޮން ކަމެއް ކުރީ!! މަޖާކުރުމާ ކެމްޕޭން. ދަތހުރު ތަކަށް ދައުލަތުގެ ބައިތުލް މާލު ތިޔަ ދުއްވާލީ!!!! އެއްވެސް ކެޕިޓަލް އިނވެސްޓް މަންޓަކަށް ޚަރަދު ނުކޮށް ހަމައެނި ރިކަރެންޓް ޚަރަދު ކޮށފައިވާލެއް ވަރައް މަތީގައި ތިހުރީ.!!!

    3
    2