އިއާދަކުރަނިވި ހަކަތައާއި އެނަރޖީ އެފިޝިއެންސީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އިންޑިއާ ސަރުކާރުގެ އެނަރޖީ އެފިޝިއެންސީ ސަރވިސަސް ލިމިޓެޑާއި ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރައްވާ 200000 ލެޑް ބޮކީގެ ތެރެއިން މިހާރު ލިބިފައިވާ 5000 ބޮކި ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފިއެވެ.

ލެޑް ބޮކިތައް ފެނަކަ އާއި ހަވާލުކޮށްފައިވަނީ އެކަމަށް ޚާއްޞަ ކުރެވިގެން، އެންވަޔަރމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެންވަޔަރމަންޓް މިނިސްޓްރީގެ ފަރާތުން ބޮކިތައް ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ ޙުސައިން ރަޝީދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ބޮކިތަކާއި ހަވާލުވެލެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ.

މި ލެޑް ބޮކި ތަކަކީ އާއްމުންނަށް ބެހުމަށް ދޫކޮށްފައިވާ ބޮކިތަކެކެވެ. އެގޮތުން ކަރަންޓްގެ ޚިދުމަތް ބޭނުންކުރާ ކޮންމެ ގޭބީސީއަކަށް ދެ ބޮކި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ވިދާޅުވީ، ކަރަންޓު ނެތް ނަމަ، އެންމެ އާދައިގެ ކަންކަންވެސް މިއަދު ފުރިހަމަ ނުކުރެވޭ ކަމަށާއި އެހެންކަމުން، ލުއިފަސޭހަ ކަމާއި ދާއިމީ ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ލިބެންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ކަރަންޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަކޮށްގެންކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.

"ކަރަންޓަކީ އަސާސީ ޚިދުމަތަކަށް ވާ ހިސާބުގަ މިއަދުގެ ކަންކަން މި ހުރީ. އެންމެ އާދައިގެ ކަންކަންވެސް ކަރަންޓާއި ނުލާ ކުރެވޭކަށްނެތް. އެހެންކަމުން ދާއިމީ ގޮތެއްގައި އެ ޚިދުމަތް އެބަޖެހޭ ލިބެން. އެކަން ކުރެވޭނީ މިކަމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށްގެން." ޙުސައިން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޙުސައިން ވިދާޅުވީ ގޭގޭގައި ގެންގުޅޭ ވަޞީލަތްތަކަކީވެސް ކަރަންޓް ޚަރަދު ކުޑަ އެއްޗެއްސަށްވުން މުހިއްމު ކަމަށާއި، އެފަދަ ކަންކަމުން ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް ބޭނުންކުރާ މިންވަރާއި އެއްވަރަށް އިންޖީނުތަކުގައި ހަކަތަ ނެތުން ކަމަށާއި، މިކަން ހައްލުކުރެވޭނީ ސޯލާރ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

"ކަރަންޓް ނެތި ދާ ވަގުތު ތަކަކީ ވަރަށް ހިތްދަތި ވަގުތު ތަކެއް. 24 ގަޑި އިރު ކަރަންޓް ޔަޤީނެއް ނޫން. އެކަން ޔަޤީން ކުރެވޭނީ ސޯލާ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން. މިއަދު މި ލިބުނު ލެޑް ލައިޓްތައް ހުރިހާ ބޭފުޅުންވެސް ބޭނުންކޮށްގެން." ސަޢީދު ވިދާޅުވިއެވެ.

މި ލެޑް ބޮކި ތަކުގެ އިތުރުން 2500 ލެޑް މަގު ބައްތިވެސް ވަނީ އިންޑިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްޕިތާން

    ދެން ގުދަނެއްގައި ބަހައްޓައިގެން ވީރާނާ ކޮއްލައްވާ ޗައިނާއިން ހަދިޔާ ކުރި ގިނަ ލައިޓްއައް ވީހެން މިޔޮތީވާ ކަމެއް ލަދު މިގަންނަން ޖެހެހެނީ ރަށްޔަތުން މިވެރިން އުޅުއްވަނީ ރަށްޔަތުން ޓެކްސް ޕޭ ރުފިޔަިނ މުސަރަނަނގަވަިގެނ ަިސ ކޮޓަރިތހަކުގައި ހިދު މަތޭ ކިޔައިގެން ރަށްޔަތުން ނަށް ވިޔަފާރި ކުރަން

  2. ހޮޅިމީހާ

    ތިޔަ ޗްއިނާއިންް ދިން ބޮކިތައްްެެެވެސް އާދޭސްކޮށްކޮށްވެސް އަހަރެމެނަކަށް ނުލިބުނު. އެެ ގޭގައި، ރައްކާކުރަން ތޯއްޗެއް، ބަހައްޓައިގެން އުޅުނު ބަޔަކުވެސް ފެނުނު. މިފަހަރު، ރަށްރަށުގެ ބިންތައް ބަހާލިހެން ނުބެހިއްޔާ ނަސީބެއް.