މިދިޔަ މާޗް މަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތައް ލިބުނު އާމްދަނީ 1.5 ބިލިއަން ރުފިޔާ އަށް އެރި ނަމަވެސް އެއީ ކުރިން ލަފާކުރި ވަރަށް ވުރެ 15.1 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާ ބުނެފިއެވެ.

މީރާއިން އާންމުކުރި މާޗް މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިއަހަރުގެ މާޗް މަހު މީރާއަށް ލިބުނު 1.5 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއަށް ވުރެވެސް، 2.1 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނީ މާޗް މަހު ލިބުނު އާމްދަނީ ދަށަށް ދިޔައީ، ޖީއެސްޓީ ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައި ނުވާތީ އާއި ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ފައިސާ ނުދެއްކުމުން ކަމަށެވެ.

މާޗް މަހު ވަނީ ބޭންކް ޕްރޮފިޓް ޓެކްސް އާއި، ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި، ޖީއެސްޓީ އާއި، ލޭންޑް ސޭލްސް ޓެކްސް އާއި، ރެމިޓަންސް ޓެކްސް އަދި ސްޓޭމްޕް ވިއްކައިގެން ލިބުނު އާމްދަނީ ވެސް ދަށަށް ގޮސްފައެވެ.

މާޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެހެން ފަހަރުތަކެކޭ އެއްފަދައިން ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެކަނިވެސް 732.11 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ އާމްދަނީގެ 23.5 އިންސައްތައެވެ. ރިސޯޓްތަކުން ބިމު ކުލީގެ ގޮތުގައި 355.86 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ.

ބީޕީޓީގެ ގޮތުގައި 87.04 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެ އެވެ. އެއީ އާމްދަނީގެ 5.8 އިންސައްތައެވެ. ގްރީން ޓެކްސްގެ ގޮތުގައި 83.17 މިލިއަން ރުފިޔާ ލިބުނު އިރު އެއީ އާމްދަނީގެ 5.5 އިންސައްތައެވެ. އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 187.03 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެއެވެ.

މާޗް މަހުގެ ދައުލަތައް ބަލައިގަތް އާމްދަނީގެ ގޮތުގައި 72.1 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންބެ

    އަހަރުގެ މެދައް ދާއިރު އިކޮމަމީ ރިކޯޑު މިން ވަރައް ދަށައް ދާމަން ޒަރު އެބަ ފެނޭ ، ކުފޫހަމަނުވާ މީހުން ވެރިކަމައް ހިތި އަދި އޮތީ

    28
    3
  2. ޖަހާންގީރު

    ވަގު ވޯޓް ސަރުކާރު ވާނީ ފޭލް

    30
    4
  3. އައްޑޫ މީހާ

    އަދިވެސް މަށައް ވާނެއޭކިޔާފަ ބޯކޮއްޕާލާ ތަނެއް އޮތިއްޔާ އިންޑިއާއިން ދަރަންޏަށް ނަގައިގެން ގިންގޭތޯބަލާ މިފަހަރު އަދި %30 ދަށަށް ދާނެ މަޖްލިސް އިންތިހާބުގައި ވޯޓް ގަންނަން ހަރަދުކުރި ފައިސާގެ އަދަދުވެސް ނޭގޭނެ

    8
    1
  4. ހުސޭނުބޭ

    ވަރިހަމައެއްނު! ކުރީގެ ސަރުކާރަށް ފާޑުކިޔާފައި ބަރިބަރިޔަށް ނައިބުން ލައިފައި ތިބޭނެ!

    7
    1
  5. ޖޮއްބެ

    އެއާލާތުން ލާރިގަނޑު ޖީބަށް ކަހާލަނީ. ހަމަ މުޖައްރިބު.