ރާއްޖޭގެ ދެކުނުން ޏ.ފުވައްމުލަކު އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި ފުވައްމުލަކުގައި ހުރި އައިސް ޕްލާންޓުން އައިސް ވިއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާއިރު، މި އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގަ 25 ޓަނުގެ އައިސް އުފައްދާނެއެވެ.

މިފްކޯއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އައްޑޫ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ. މިއާއެކު އައްޑޫ މިފްކޯގެ 2 ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ.

އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާންޓުންނެވެ.

މިފްކޯގެ މި ނިންމުމާއި އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައްޑޫގެ މަސްވެރިންނަށް އައިސް ލިބޭނެގޮތް ހެދުމުން އައްޑޫގެ މަސްވެރިންނަށާއި، ދެކުނުގެ މަސްވެރިންނަށްވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

މަސްވެރިންގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް އައިސް ނުލިބުމެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށް މިފްކޯއިން އޮތީ ތައްޔާރަށް ކަމަށާއި މިދިޔަ އަހަރު މަސްނުގަނެވިގެން ދިމާވި ދަތިތަކަށް ދުރާލައި މިފްކޯ ތައްޔާރުވެފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މިފްކޯއިން މަސައްކަތް ކުރާނީ މަސްވެރިންނާއި ގުޅިގެން މަސްވެރިނަށް ދިމާވެފައިވާ ދަތިތަށް ހައްލުކުރަން މިފްކޯއިން އަބަދުވެސް އެކަމަށް އިސްކަން ދޭނެ" އިސްމާއިލް ވިދާޅުވިއެވެ.