ނިއުޕޯޓު ވިއުއަށް އިކޮނޮމިކް މިނިސްޓްރީން ދީފައިވާ ރެސްޓޯރަންޓު ހިންގުމުގެ ހުއްދަ އެއްވެސް އިރެއްގައި ބާތިލުކޮށް ނުވަތަ އަލުން ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނިއުޕޯޓާ ބެހޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނީ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނީ އަމިއްލައަށް އެދިގެން، ނޫނީ ފީ ނުދެއްކުމުން، ނޫނީ ކޯޓުުން އެންގުމުން ކަމަށެވެ.

"އެއްވެސް އިރެއްގައި ނިއުޕޯޓްގެ ހުއްދައެއް ބާތިލް ކޮށްފައެއް، ނުވަތަ އަލުން ދީފައެއް ނުވާނެ. ގާނޫނީ ހަމަތަކުގެ މަތިން މެނުވީ އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅެއް ނޭޅޭނެ. ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނީ އަމިއްލައަށް އެދިގެން، ނޫނީ ފީ ނުދެއްކުމުން، ނޫނީ ކޯޓުުން އެންގުމުން،" މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވެސް ވިދާޅުވީ ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް އަލުން ހުއްދަ ދޫކޮށްފައިވާ ކަމަށް މީސް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ނިއުޕޯޓްގެ ވެރިފަރާތަށް އެންގީ މާޗް 11 ގައެވެ. ނިއު ޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. ނިއު ޕޯޓް ވިއުގެ އިތުރުން އެކުންފުނީގެ އެހެން ތިން ތަނެއް ހުސްކުރަން ވެސް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ވަނީ އެމައްސަލަތައް ނިއު ޕޯޓާއި އެއްކޮޅަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ހޫންފެށެނީ ވަކިވަކި ފަރުދުން ހަލާކުކޮށްލުން މީދެވަނަ ކަމެއް ނޫން މިމީހުންގެ ކޮންމެސް ބަލަދުވެރިޔަކަށް ކޮށްދޭ ބޮޑު ވައްކަމެއް މިގޮތަށް ހުރިހާވައްކަމެއް ކުރަނީ އެކަކުއަތުން ވަގަށްނަގައިގެން އަނެކަކަށް ދިނުން ދެންއޮންނާނީ ވަގަށް ނެގިސަރުކާރަކުން ކުރާނީ ހަމަހުސް ވައްކަން އަތްޖަހާމީހުން އަތްޖަހަ ޖަހަތިއްވާ ހުރިހާ ވައްކަމެއް ކޮށްނިންމާލަނީ

  2. ހުސޭނު

    ހިންގުމުގެ ހުއްދަ ބާތިލެއްނުކުރެ، ތަންހުސްކުރަން އެންގީ. މިވަރެއްނެތް!!