ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ހުއްޓުުމެއް ނެތި ކުރިއަށް ކަމަށް ޗައިނާގެ އެގްޒިމް ބޭންކުން މިއަދު ބުނެފިއެވެ.

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް އެގްޒިމް ބޭންކްގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އެގްޒިމް ބޭންކްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލީ ޑަން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގެ ތަރައްގީގެ ގާތް އެކުވެރިއެއްގެ ގޮތުގައި އެގްޒިމް ބޭންކް ދެމިއޮންނާނެ ކަމަށް ލީ ޑަން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ސަފީރު ފައިސަލް ވަނީ މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަން ފާހަގަ ކުރައްވައި އެ ދެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސަފީރު ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި އަމުރު ނެރުނީ އިގްތިސާދީ އެޖެންޑާ ކުރިއަރުވައި، ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެެ. ނަމަވެސް އެ އަމުރާ ގުޅިގެން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ސަފީރު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރު ވެގެން ދިޔައީ ބޭރުގެ ގިނަ އިންވެސްޓްމަންޓުތަކެއް ރަޖިސްޓްރީ ކުރެވުނު އަހަރެއް ކަމަށާއި ރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވި އަހަރަލަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ހާލަތު އެއްވެސް އިރެއްގައި، ބައެއް މީޑިއާތަކުން ބަޔާން ކުރާހާ ގޯސް ނޫން ކަމަށާއި، ނަމަވެސް ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ބައެއް ނޭދެވޭ އަސަރު ކުރިކަމަށް ސަފީރު ވިދާޅުވިއެވެ.

ނަމަވެސް ފާއިތުވެދިޔަ ދެ މަހު ވެސް ޓޫރިޒަމް އަދި ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށާއި ސަރުކާރުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްލުވުމުގައި ދެއްވި މައުލޫމާތަށް އެގްޒިމް ބޭންކްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޝުކުރު އަދާކުރެއްވި ކަމަށް ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ޗައިނާމީހުން ބޭނުންވާގޮތަށް މިޤައުމު ދަރުވާލެވޭނީ މިސަރުކާރަށް ނިކަން ރަގަޅަށް ސަނާކިޔައިގެން ކަން އެންމެނަށްވެސް އެގޭ !

    • ޔާނު ސްޕީޑް

      ހަޖަމް ޕްލީޒް..! އިންޑިޔާ ގޮތަށް ރާއްޖެއަށް އަތްގަދަ ކުރާކަށް ޗައިނާއެއް ނޫޅޭ އިނގޭ..! ޗައިނާގެ އެހީތެރިކަމުގައި ރާއްޖެ ރޮކެޓު ސްޕީޑުގައި ތަރއްގީ ކުރަނީ...! ނުފެންނަންޏާ ކޮންމެވެސް މީހަކާއެކު ލޮނު ޒިޔާރަތްކޮޅަށް ޖައްސާލާ..! ސިފަކޮށް ދީފާނެ..! ހެހެހެހެ