އެމެރިކާ އަދި މުޅި ދުނިޔޭގެވެސް އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާކަމުގައިވާ އިލޯން މަސްކްގެ މުސާރަ 2.6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ކުންފުނީގެ ޝެއާހޯލްޑަރުން ވޯޓުލައިފިއެވެ.

އިލޯން މަސްކްއަށް ލިބިގެން މިދާ ފައިސާގެ އަދަދަކީ ޓެސްލާ ކުންފުނީގެ ވިޔަފާރިއާއި ފައިދާގެ އަދަދު ވަކި އަދަދަކަށްވުރެ މައްޗަށް އެރުމުން ނޫނީ ނުލިބޭނޭ އެއްޗެކެވެ. ޝެއާހޯލްޑަރުންގެ މެދުގައި ނެގިގެންދިޔަ އެ ވޯޓަކީ އިލޯން މަސްކްއަށް ކުންފުނީގައި ތާއީދު އޮތް މިންވަރުވެސް ދައްކުވައިދޭނޭކަމަށް ބެލެވިފައިވާ ވޯޓެކެވެ.

އިލޯން މަސްކްއަށް އެވަރުގެ ބޮޑު ފައިސާގެ އަދަދެއް ލިބުމަށްޓަކައި ޓެސްލާގެ އަގު 650 ބިލިއަން ޑޮލަރަށް އިތުރުވާންޖެހޭނެއެވެ. މިހާރު ޓެސްލާގެ އަގަކީ 55 ބިލިއަން އެމެރިކާ ޑޮލަރެވެ. ޓެސްލާގެ ބޮޑެތި ޝެއާހޯލްޑަރުން ވަނީ 10 އަހަރު ދުވަހުގެ ތެރޭގައި ޓެސްލާގެ އަގު އެވަރަށް ބޮޑުކުރުމަށް ރޭވުނު އެ ރޭވުމަށް ދެވުނު މި ވޯޓަށް އެއްބާރުލުން ދޭނޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ފާޑުކިޔާ ބައެއް ފަރާތްތަކުން ވަނީ އިލޯން މަސްކްއަށް ދެވޭ ފައިސާގެ އެ އަދަދަކީ މާ ދީލަތި އަދަދެއްކަމަށް ބުނެފައެވެ.

އިލޯން މަސްކްއަކީ ދެކުނު އެފްރިކާއަށް އުފަން ވިޔަފާރިވެރިޔެކެވެ. އޭނާއަކީ މަޝްހޫރު ބައެއް ކުންފުނިތައްކަމުގައިވާ ސްޕޭސް އެކްސް، ދަ ބޯރިންގް ކޮމްޕެނީ އަދި ސޯލާރ ސިޓީގެ އިތުރުން ޓެސްލާ ފަދަ ކުންފުނިތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އޭނާއަކީ ވިޔަފާރީގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އަދި ވިސްނުންތޫނު އެއް ފަރާތްކަމުގައިވެސް ވަނީ ބެލެވިފައެވެ. އިލޯން މަސްކްގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޕްލެނެޓް މާރސްގައި އިންސާނުންގެ މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްލެވެއެވެ.