ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިކަމަށްވާ ދިރާގު އިން މާދަމާ ރޭ ސެމްސަންގެ އިން ނެރުނު އެންމެ ފަހުގެ ފްލެގްޝިޕް ފޯން އެސް9 އާއި އެސް9 ޕްލަސް މާދަން ރޭ ލޯންޗް ކުރަން ތައްޔާރުވެއްޖެއެވެ.

ދިރާގުން މިއަދު ބުނީ، މާދަމާ ރޭ ދިރާގު މައި އޮފީހުގައި އޮންނަ ރަސްމިއްޔާތެއްގެ ތެެރެއިން އެސް 9 އާއި އެސް9 ޕްލަސް ލޯންޗް ކުރަން ހަމަޖެހިފައިވާކަމަށާއި، އެ ރަސްމިއްޔާތުގައި ސެމްސަންގގެ ޕާޓްނަރުން ބައިވެރިވާނެ ކަމަށެވެ.

މާދަމާ ރޭ ރާއްޖެއަށް އެސް9 އާއި އެސް9 ޕްލަސް ލޯންޗް ކުރާއިރު، އެ ފޯން ގަތުމަށް ޕްރި އޯޑަރ ކުރުމުގެ ފުރުސަތު މިއަދު ހަވީރު 16:00 ގެ ނިޔަލަށް ކުރިއަށްެދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއަދު ހަވީރުގެ ނިޔަލަށް މި ފޯން ގަތުމަށް ޕްރިއޯޑަރ ކުރި މީހުންނަށް މާދަމާ އަންގާނެ ކަމަށެވެ.

މިދިޔަ މަހު ބާސެލޯނާގައި ކުރިޔަށްދިޔަ ވޯލްޑް މޯބައިލް ކޮންގްރެސް 2018 ގައި ސެމްސްންގުން އެސް 9 ދައްކާލާފައިވާއިރު، މި ފޯނުގައި އެންމެ ފަހުގެ ސްނެޕްޑްރެގަން 845 ގެ ޕްރޮސެސަރ އެއްގެ އިތުރުން 6 ޖީބީގެ ރެމް ހިމެނެއެވެ. ހަމައެހެންމެ މި ފޯނު ވެގެންދިޔައީ ދުނިޔޭގެ އެންމެ ފުރަތަމަ "ވޭރިއެބްލް އެޕޭޗާ" ހިމެނޭ ކެމެރާއެއް އެކުލެވިގެން އުފެއްދި ފޯނަށެވެ. މި ކެމެރާއިން 900 އެފްޕީއެސްގައި ސްލޯމޯޝަން ވީޑިއޯ ނަގާލެވޭއިރު، ސެމްސަންގުން ބުނާގޮތުގައި ފޯނުގެ ފޮޓޯ ކޮލިޓީ އެސް8 އަށް ވުރެ ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ.

ފާއިތުވެގެންދިޔަ އަހަރުތަކަށް ބަލާއިރު ދިވެހިންގެ މެދުގައި ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތައް ވަރަށް ބޮޑަށް މަޝްހޫރު ވެގެންގޮސްފައިވެއެވެ.