ރައްޔިތުންގެ ކުންފުނި އެސްޓީއޯގެ ފައިދާ އަންނަނީ ރަނގަޅުވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ނެރުނު 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ރިޕޯޓަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު 104 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ވެފައެވެ. މިއީ ކުރީއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. އަދި މިއީ 2016 ވަނަ އަހަރުން ފެށިގެން ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވީ ކުއާޓަރެވެ. އަދި އެސްޓީއޯއިން ދެކޭގޮތުގައި ކުރިއަށްއޮތް ތަނުގައި ފައިދާ އަދިވެސް އިތުރުކުރެވިދާނެއެވެ. ކަން މިހެން އޮތް ނަމަވެސް އެސްޓީއޯ އަދި އޮތީ ގޮންޖެހުންތަކެއްގެ ތެރޭގައެވެ. އޭގެތެރެއިން މައިގަނޑު ތިން ކަމެއް މިރިޕޯޓްގައި ފާހަގަކޮށްލަމެވެ.

ކޭޝް ފްލޯގެ މައްސަލަ

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި އެސްޓީއޯއަށް މިވަގުތު ދިމާވެފައިވާ އެންމެ މައިގަނޑު އެއް ގޮންޖެހުމަކީ ސަރުކާރު ތެރެއިން އެސްޓީއޯއަށް ލިބެންވާ ފައިސާ ގަވާއިދުން ނުލިބުމެވެ.

"ފެނަކަ ކަހަލަ ބައެއް ކުންފުނިތަކަށާއި، ބައެއް މުއައްސަސާތަކަށާއި، ސަރުކާރަށް ފޯރުކޮށްދީފައި ހުރި، އަދި އެކި ތަންތަނަށް ވިއްކާފައި ހުރި މުދަލަށް ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ އެސްޓީއޯއަށް ލިބެން ޖެހޭ"، މިހާދު ވިދާޅުވިއެވެ.

އަދި އެކަންކަން ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީންވެސް މަސައްކަތްތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާދު ވިދާޅުވީ، މި ފައިސާ ނުލިބި ހުރުމުން އެސްޓީއޯގެ ކޭޝް ފްލޯ މެނޭޖް ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭންކްތަކުން ފަންޑް ހޯދަން މަޖުބޫރުވާކަން މިހާދު ފާހަގަ ކުރެއްވިއެވެ."އިންޓަރެސްޓް ކޯސްޓުގެ ގޮތުގައިވެސް އެސްޓީއޯއިން ކުރަން ނުވާ ބޮޑުހަރަދު ކުރަން އެބަޖެހޭ" މިހާދު ވިދާޅުވިއެވެ.

ހުޅުމާލޭ ހޮޓެލް

އެސްޓީއޯއަށް އިތުރު ފައިދާ ހޯދުމަށް ބައެއް އިންވެސްޓްމެންޓްތައްފެށިއެވެ. އެހެން ނަމަވެސް ބައެއް އިންވެސްޓްމެންޓްތައް ކުރިއަށް ނުގެންދެވި، ހުއްޓާލަން ޖެހި، މާލީ ގޮތުން އެއަށްވުރެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދެއެވެ. މިގޮތުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދިޔަ އެސްޓީއޯގެ ހޮޓަލުގެ މައިގަނޑު މަސައްކަތްތައް ނިންމާލާފައިވަނިކޮށް، 2014 ވަނަ އަހަރު ކުއްލިގޮތަކަށް ސަރުކާރުން އެންގި އެންގުމަކަށް އެތަނުގެ މަސައްކަތް ހުއްޓާލިގޮތަށް އެ އޮތީއެވެ. އެ ހޮޓަލަކީ 250 އެނދުގެ ޓުއަރިސްޓް ހޮޓަލެކެވެ. މަސައްކަތް ހުއްޓާލަން އެންގިއިރު މަޝްރޫއުގެ 60 އިންސައްތަ ވަނީ ނިންމާލާފައެވެ.

"ހުޅުމާލެ ހޮޓަލަކީ މިވަގުތު އެސްޓީއޯއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އެ ހޮޓާ އެހެން ހުއްޓާ ވިއްކާލަންވެގެން އަޅުގަނޑުމެން ބަލާއިރު، މާކެޓް ވެލިއު ވަރަށް ދަށް. އެސްޓީއޯއިން އެތަނަށް ނެގި ލޯނުގެ އިންޓްރެސްޓް ދެއްކުމަށާ އަދި އެގޮތަށް ޕްރޮޖެކްޓް ޑިލޭވެގެން ދިޔައީމަ ދައްކާފައި ހުރި އެޑްވާންސް ޕޭމަންޓްތަކާއި އަދި ހޮޓަލުގެ ކޮންޓްރެކްޓަރުން ވަކި ހިސާބަކުން ހުއްޓާލުމާއެކު ވަރަށް ބޮޑެތި ހަރަދުތަކެއް ޕްރޮޖެކްޓަށް ހިނގާފައިވޭ" މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ، މިދިޔަ އަހަރު ފަހުކޮޅާއި މިއަހަރުގެ ކުރީކޮޅު އެ ހޮޓާ ވިއްކާލަން އިއުލާނުކުރިއިރު، މާކެޓުން އަގުތަކެއް ވަނީ ލިބިފައެވެ. އަދި މި ހޮޓާ ވިއްކާލުމުގެ ކުރިން ހޮޓަލުގެ ބިޑްތަކަށް ބެލުމަށްފަހު، ހޮޓަލުގެ ބެލެންސް ޝީޓުގައި މިހާރު އޮތް ވެލިއުއަކީ ރަނގަޅު ވެލިއުއެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ވަރަށް ބޮޑު ގެއްލުމަކަށް އެކައުންޓް ކުރަން އެސްޓީއޯއަށް ޖެހިދާނެއެވެ.

އެސްޓީއޯއިން އެ ހޮޓާ ވިއްކާލަން ބޭނުންވަނީ ކުންފުންޏަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށެވެ.

މިފްކޯ

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ކޮންމެ ވަރެއްގައި ހުއްޓަސް މަސްވެރިންނަށް ފައިސާ ދޭން ޖެހެއެވެ. މިފްކޯގެ އެކަމަށް ފަންޑެއް ނެތެވެ. މިހާރު އެސްޓީއޯގެ ދަށުގައި އޮތް މިފްކޯއަށް ކެޕިޓަލް އިންޖެކްޝަން ދެމުން ގެންދަނީ އެސްޓީއޯއިންނެވެ. އެގޮތުން، މަސްވެރިންނަށް ފައިސާ ދިނުމަށާއި، މިފްކޯއަށް ފޯރުކޮށްދެވޭ ތެޔޮ ހިމެނޭގޮތަށް އަހަރެއްގެ މައްޗަށް 200 މިލިއަނެއްހާ ރުފިޔާ އެސްޓީއޯއިން މިފްކޯއަށް ހަރަދުކުރަން ޖެހެއެވެ.

"އޭގެ ސަބަބުން އެސްޓީއޯގެ ގްރޫޕަށް ވަރަށް ދަތިވޭ. މި އަދަދަށް ކެޕިޓަލް އިންޖެކްޓް ކުރަމުން ގެންދިއުމަކީ ކޮންޓިނިއު ކުރަން ވަރަށް އުނދަގޫ ކަމެއް" މިހާދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިފްކޯގެ ކަންކަން ހައްލު ކުރުމަށް ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށް މިހާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ސަރުކާރާވެސް މަޝްވަރާކުރެވިގެން ބާރު ސްޕީޑްގައި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. "އެހެންވީމަ ކުރިއެރުންތަކެއްވެސް ލިބޭ. ވީމާ އުއްމީދު ކުރަނީ ކޭޝް ފްލޯ، ހުޅުމާލެ ހޮޓެލް، އަދި މިފްކޯގެ މައްސަލައަށްވެސް ހައްލު ލިބިގެން އަންނާނެ ކަމަށް"، މިހާދު ވިދާޅުވިއެވެ.

އެސްޓީއޯއިން އުއްމީދު ކުރަމުންދަނީ، ކުންފުންޏަށް ދިމާވެފައިވާ ދަތިތައް ހައްލުވެ، މިހާރަށްވުރެވެސް ފައިދާވާ އަދި މުސްތަގްބަލް އުޖާލާ ރައްޔިތުންގެ ކުންފުންޏަކަށް އެސްޓީއޯ ވެގެން ދިއުމެވެ.