ޗައިނާގެ ކުންމިންގައި ޖޫން މަހުގެ 14 އިން 20 ގެ ނިޔަލަށް ބާއްވާ ސައުތް އޭޝިއަން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.

ސައުތް އޭޝިއަން އެކްސްޕޯ އަދި އެސްއެމްއީ ލޯނާއި ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭ ކޮންފެރެންސް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރ އުސްމާން ޝާކިރު ވިދާޅުވީ ސައުތް އޭޝިއަން އެކްސްޕޯއަކީ ރާއްޖޭގެ އުފެއްދުންތަށް ބޭރުގެ މާކެޓްގައި އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަދި އެ އެކްސްޕޯގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ އެކްސްޕޯއަށް ދިޔުމަށް އެދޭ ފޯމު މިހާރުން ފެށިގެން އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއިން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަރާތުން އެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ސްޓޯލްތަށް ހިލޭ ލިބޭނެ ކަމަށާއި އެ ގައުމަށް ދިޔުމަށް ބޭނުންވާ ވިސާއާއި އެނޫންވެސް ކަންކަން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމުގައިވެސް އުސްމާން ވިދާޅުވިއެވެ.

ރާއްޖެއިން ވޭތުވެ ދިޔަ ދެ އަހަރުވެސް ޗައިނާގެ ކުންމިން ފެއާގައި ބައިވެރިވެފައިވާއިރު އެއީ ރާއްޖޭގެ އުފެއްދުންތެރިންނަށް ކުރިއަށް ދިޔުމަށް ހުޅުވާލެވޭ އިތުރު ދޮރެކެވެ.