ރޯދަމަހާއެކު މަސްދަޅުގެ ޑިމާންޑް ބޮޑު، މިދިޔަ ތިން ދުވަހުގެ ތެރޭގައި 8،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވިކިފައިވާ ކަމަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްދަޅު އުފައްދާ ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ބުނެފި އެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރީ ދެ ދުވަހާއެކު މިދިޔަ ފަސް ދުވަހުގެ ތެރޭގައި 15000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ވިކިފައިވާ ކަމަށެވެ. މިފްކޯއިން ބުނީ ރޯދަ މަހު ޑިމާންޑާ އެއްވަރަށް މަސްދަޅު ސަޕްލައިކުރެވޭނެ ކަމަށެވެ. އަދި ޑިމާންޑް ބޮޑުވި ނަމަވެސް ވިއްކާ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިމަހު 7 އިން ފެށިގެން މިއަދުގެ ނިޔަލަށް ބެލްޖިއަމްގެ ވެރިރަށް ބުރަސަލްސްގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ސީ ފުޑް އެކްސްޕޯ ގްލޯބަލްގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ބައިވެރިވެވަޑައިގަންނަވައެވެ.

ސީ ފުޑް އެކްސްޕޯ ގްލޯބަލްގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.

މިފްކޯއިން ވަނީ ރޯދައާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އަގުބޮޑު އިނާމްތަކާއެކު ކުރިޔަށް ގެންދާ "ރޯދަ ބައިވެރިޔާ" ޕްރޮމޯޝަނަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

މިދިޔަ މަހުގެ 27ން އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ތެޔޮ މަސް ކޭހެއް ގަންނަ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރެ އެވެ. މި ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް އުމްރާ ދަތުރެއް އަދި ދެވަނަ އިނާމްގެ ގޮތުގައި ބެންކޮކް ދަތުރެއް ދޭއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ދެނީ އެއް އަހަރުވަންދެން މަސްދަޅު ކޭސް ސަޕްލައިކޮށްދިނުމެވެ.