ކުރުނބާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ފެނެއް އެކުލެވޭ އެއްޗެކެވެ. ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދު ދެއްވާ އެންމެ މުހިއްމު އެއް ބުއިމަކީ ވެސް ކުރުނބާ ފެނެވެ. ހޮޑާއި، ބޭރަށްހިންގުމުގެ ސަބަބުން ގިނަ ފަހަރު ހަށިގަނޑުން މަދުވެގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވައި ދިނުމުގައި ކުރުނބާ ފެން މުހިއްމު ރޯލެއް އަދާކުރެއެވެ. މިއީ ހަށިގަނޑަށް ހަކަތަ އާއި ބާރު ގެނެސްދޭ، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ އެންމެންގެ މެދުގައި މަޝްހޫރު އެއްޗެކެވެ.

ކުރުނބާ ފެނުގައި ހިމެނޭ ހަކުރުގެ އެންމެ އަސާސީ ދެބަޔަކީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ގޮބޮޅި ކިހާކަށްވެ، ކުރުނބާއަކަށް ބަދަލުވާން ފަށާއިރު ގިނައިން ހުންނަނީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ނަމަވެސް ރަގަޅަށް ފައްކާވެ، ކާއްޓަކަށްވާއިރު، ކާށީގައި ހިމެނޭ ހަކުރުގެ 90 އިންސައްތަ އަކީ ސުކްރޯޒް އެވެ.

މާރުކޭޓުގައި މީހަކު ކުރުނބާ ކަނޑަނީ - ފޮޓޯ މުޙައްމަދު އަފްޒަލް

ތަފާތު އެތައް ބޭނުންތެރި މާއްދާ އަކުން މުއްސަދިވެފައިވާ ކުރުނބާ ފެނަކީ ފެޓް މަދު އަދި ކޮލެސްޓީރޯލް އެކުނުލެވޭ ބުއިމެކެވެ. އޮރެންޖް ޖޫހަށްވުރެ ކުރުބާ ފެނުގެ ފައިދާ އިތުރު ކަމުގައި ބުނެވެއެވެ. ކުރުބާ ފެނުގައި މައިމީހާގެ ގާތުން ދޭ ކިރުގައި ވެސް އެކުލެވޭ މާއްދާއެއް ކަމުގައިވާ ”ލައުރިކް އެސިޑް” ހުރެއެވެ. މިއީ ފަންގަސް، ބެކްޓީރިއާ އަދި ވައިރަސް ފަދަ ޖަރާސީމްތައް މަރާލުމުގެ ގާބިލިއްޔަތު ލިބިފައިވާ އެސިޑެކެވެ.

ކުނބާ ފެނުގައި ގިރާ، ކުރުނބާ ފަންޏަކީވެސް ދިވެހިންގެ މެދުގައި މަޤުބޫލު ބުއިމެކެވެ. ޚާއްޞަކޮށް ރޯދަ މަހު ރޯއްދަ ވީއްލާ ގަނޑީގައި އާއްމުކޮށް ހުރިހާ ގޭގޭގައިވެސް ކުރުނބާ ފަނި ބޭނުން ކުރެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އޭގެން ލިބޭ ފައިދާ އާއި އެއްވަރަށް، ކަރުހިއްކުން ފިލާ ވަރުގެ މީރު ބުއިމަކަށް އެ ބުއިން ވާތީއެވެ.

ލޯކަލް މާރުކޭޓުގައި ހުރި ކުރުބާތަކެއް - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ކޮންމެ ރޯދަމަހަކުވެސް މާރުކޭޓުގެ ބޮޑު ބައެއް ހިއްސާ ކުރާ އެކައްޗަކީ ކުރުނބާ އެވެ. ބާޒާރުގައި ހުރި ކުރުނބާ ގެ އަގުތަކަށް ބަލާއިރު، 15 ރުފިޔާ އާއި 25 ރުފިޔާގެ ދެމެދުގެ އަގަކަށް ލިބެން އެބަ ހުއްޓެވެ. ގިނަ މީހުން ގެންގަދަނީ އެތަނުގައި ކުރުނބާ ކަނޑައިގެން އޭގެ ފެންފޮދާއި ހެވާ ކޮޅުވެސް ނަގައިގެންނެވެ.

"ރޯދަ މަހު އެންމެ ވިޔަފާރި ރަނގަޅު އެކައްޗަކީ ކުރުނބާ. ގިނަ މީހުން އަންނާނީ ފުޅި ނޫނީ ޖަގުވެސް ހިފައިގެން. އައިސްފަ އޭގެ ފެންފޮދާއި ހެވާކޮޅު ގެންދާނީ. އޭރަން ވަރަށް ފަސޭހަ ވާނެ ގެއަށްގޮސް ފަނި ގިރާލަން. އާއްމުކޮށް 15 ރުފިޔާ އާއި 25 ރުފިޔާގެ ދެމެދުގެ އަގުތަކެއްގަ މި އުޅެނީ އަގުތައް." ބާޒާރުގައި ކުރުނބާ ވިއްކާ މީހަކު ބުންޏެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާ އިރު، ބާޒާރުގައި ވިއްކާ ގިނަ ތަކެތީގެ އަގުތަކަށް މިވަނީ ހެޔޮ ބަދަލެއް އަންނަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވގ

    މޮޅުވާހަކަނުދައްކާ މިމާލޭން ކުރުބާއެއް ގަންނަން ލިބެނީ 30 ހައް25ހައް ދެމެދު އަގަކައް

    2
    1