ދިރާގުން ތަޢާރަފްކޮށްފައިވާ "ދިރާގު ޕޭ" ގެ ޚިދުމަތް ލޯކަލް މާރުކޭޓުގެ ގޮޅިތަކުންވެސް ލިބޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިފިއެވެ. މި ޚިދުމަތަކީ ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާ ޚިދުމަތެކެވެ.

މި ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން، ލޯކަލް މާރުކޭޓޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ އެޑްވަޓައިސިން އެންޑް އިވެންޓްސްގެ އެސިސްޓެންޓް މެނޭޖަރ ޙަސަން ޝާރިހް އާދަމް ވިދާޅުވީ، މީގެފަހުން، ލޯކަލް މާރުކޭޓަށް ތަކެތި ގަންނަން ދުރުވާއިރު ފައިސާ ޖީބަށް ލައިގެން ގެންނަން ނުޖެހޭނެ ކަމަށާއި، މޯބައިލް ފޯން މެދުވެރިކޮށް ފަސޭހަ ކަމާއިއެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ.

"ޑިޖިޓަލް ރާއްޖެއެއް ޤާއިމުކުރަން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ލޯކަލް މާރުކޭޓު ވެސް މިހާރު ޑިޖިޓަލްވީ. ތިބޭފުޅުން ލޯކަލް މާރުކޭޓަށް ވަޑައިގެން ތި ކުރައްވާ ވިޔަފާރީގައި މޯބައިލް ފޯނު މެދުވެރިކޮށްވެސް ތިބޭފުޅުންނަށް މިހާރު ފައިސާ ދެއްކޭނެ. ދިރާގު ޕޭ މެދުވެރިކޮށް އެ ޚިދުމަތް ލިބޭނެ." ޝާރިޙް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާރިޙް ވިދާޅުވީ، ދިރާގު ޕޭ މެދުވެރިކޮށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ޕްރޮމޯޝަނެއްވެސް ކުރިއަށް ދާ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން، ވަކި އަދަދަކަށް ވުރެ މަތިން ވިިޔަފާރި ކުރެއްވުމުން، ރަނގަޅު ހަދިޔާ އެއްވެސް ލިބިގެން ދާނެ ކަމަށެވެ.

"ރަމަޟާން މަހު މާރުކޭޓުގެ މި ގޮޅިން އަދި އަމީނީ މަގުގައި ހުންނަ ދިރާގު ޕޭ އެކްޓިވޭޓެޑް ސްޓޯލުން 150 ރުފިޔާ އާއި ހަމައަށް ނުވަތަ 150 ރުފިޔާ އަށް ވުރެ މަދުނޫން އަދަދަކުން ތަކެތި ބައްލަވައިގަތުމުން ކަރާ ކިލޯއެއް ހިލޭ ލިބިގެން ދާނެ. އަޅުގަނޑުމެންގެ ބޭނުމަކަށް ވީ، ރަމަޟާން މަހާއި ގުޅޭ ހަދިޔާ އެއް ތިބޭފުޅުންނަށް ފޯރުކޮށްދިނުން." ޝާރިޙް ވިދާޅުވިއެވެ.

ދިރާގުޕޭ ގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން މާރުކޭޓުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ވަގުތު އިމޭޖަސް: އަމީން ފަހުމީ

ދިރާގުން މި ތަޢާރަފްކުރި ޚިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާރސްގެ ޕްރޮޑަކްޓް މެނޭޖަރ، މުޙައްމަދު ނަޙުޝާން ވިދާޅުވީ، ދިރާގު ޕޭ އަކީ ޓިޖިޓަލް ވޮލެޓެއް ކަމަށާއި، ދުވަހުން ދުވަހަށް ދައްކަންޖެހޭ ފައިސާ، ފަސޭހަ ކަމާއި އެކު ދައްކާލެއްވޭނެ ކަމަށެވެ.

"ދިރާގު ޕޭ އަކީ ޑިޖިޓަލް ވޮލެޓެއް. މި ވޮލެޓް ބޭނުންކޮށްގެން ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދި ކުދި ވިޔަފާރި ތިބޭފުޅުންނަށް ކޮށްލެވޭނެ ކޮންމެ ދުވަހަކުވެސް. އަދި ރައްކާތެރިކަމާއި އެކު ތަކެތި ގަނެ، ފައިސާ ރައްކާ ކުރެވޭނެ ނިޒާމެއް މީ" ނަހުޝާން ވިދާޅުވިއެވެ.

މާރޗަންޓްސް ކަސްޓަމަރުންގެ ގޮތުގައި 170 އަށް ވުރެ ގިނަ ކަސްޓަމަރުން އަދި ރާއްޖޭގެ އެކި ހިސާބު ތަކުގައި 60 އަށް ވުރެ ގިނަ އެޖްންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރައްވަމުން ގެންދަވާކަމަށް ނަހުޝާން ވިދާޅުވިއެވެ. ހަމައެހެންމެ، ކުރިއަށް އޮތްތަނުގައި ހުޅުމާލެއިންވެސް، އަދި މަޖީދީ މަހުގައި ވަރަށް ފަހުން ހުޅުވި މާރުކޭޓުންވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ނަހުޝާން ވިދާޅުވިއެވެ.

ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓަށް މިއަދު ތަޢާރަފް ކުރި އިރު، މި ވަގުތު އެ ޚިދުމަތް ލިބެމުންދަނީ އެންމެ ގޮޅިއަކުންނެވެ. އަދި މި ޚިދުމަތް ލިބޭ ގިނަ ގޮޅިތަކެއް ކުރިއަށް އޮތް ތަނުގައި ހަމަޖައްސަވާނެ ކަމަށާއި، ރޯދަ މަހުގެ ފަހުންވެސް މި ޚިދުމަތް ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސދފ

    މި ވަގުތު އެ ޚިދުމަތް ލިބެމުންދަނީ އެންމެ ގޮޅިއަކުންނެވެ.

    2
    1
  2. އަލިބޭ

    މީގެވީޑިއޯއެއްދައްކާލީމަނުންތޯ އަހަރެމެންނަށްވާނުވާއެނގޭނީ ހަމަ ހުސްފޯނެއްހިފައިގެންދިޔާމައި ގޮޅިތަކަށް ފައިސާދއެއްކޭނެތޯ ފޯނުންދައްކާފައިސާ ވަންނަނީ ދިރާގުއެކައުންޓައްތޯ ނުވަތަ އަހަރެމެންގެޖީބަށްތޯ މިއީ ހައްތާވެސް ސާފުކުރަންބޭނުންވާ ސުވާލިތަކެއް

  3. ޣހކގ

    ފުރަތަމަ ރަގަޅު ނެޓުވޯކެއް ޤާއިމް ކޮއްބަލަ