ދިރާގު ޕޭ މެދުވެރިކޮށް މާރުކޭޓު ގޮޅިތަކުން، 150 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވައިގެން އެއް ކިލޯ ކަރާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ތަޢާރަފް ކޮށްފިއެވެ.

ދިރާގު ޕޭގެ ޚިދުމަތް މާރުކޭޓަށް ތަޢާރަފް ކުރުމުގެ ގޮތުން، ލޯކަލް މާރުކޭޓޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ އެޑްވަޓައިސިން އެންޑް އިވެންޓްސްގެ އެސިސްޓެންޓް މެނޭޖަރ ޙަސަން ޝާރިހް އާދަމް ވިދާޅުވީ، ދިރާގު ޕޭ މެދުވެރިކޮށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ޕްރޮމޯޝަނެއްވެސް ކުރިއަށް ދާ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން، ވަކި އަދަދަކަށް ވުރެ މަތިން ވިިޔަފާރި ކުރެއްވުމުން، ރަނގަޅު ހަދިޔާ އެއްވެސް ލިބިގެން ދާނެ ކަމަށެވެ.

"ރަމަޟާން މަހު މާރުކޭޓުގެ މި ގޮޅިން އަދި އަމީނީ މަގުގައި ހުންނަ ދިރާގު ޕޭ އެކްޓިވޭޓެޑް ސްޓޯލުން 150 ރުފިޔާ އާއި ހަމައަށް ނުވަތަ 150 ރުފިޔާ އަށް ވުރެ މަދުނޫން އަދަދަކުން ތަކެތި ބައްލަވައިގަތުމުން ކަރާ ކިލޯއެއް ހިލޭ ލިބިގެން ދާނެ. އަޅުގަނޑުމެންގެ ބޭނުމަކަށް ވީ، ރަމަޟާން މަހާއި ގުޅޭ ހަދިޔާ އެއް ތިބޭފުޅުންނަށް ފޯރުކޮށްދިނުން." ޝާރިޙް ވިދާޅުވިއެވެ.

ދިރާގުން މި ތަޢާރަފްކުރި ޚިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާރސްގެ ޕްރޮޑަކްޓް މެނޭޖަރ، މުޙައްމަދު ނަޙުޝާން ވިދާޅުވީ، ދިރާގު ޕޭ އަކީ ޓިޖިޓަލް ވޮލެޓެއް ކަމަށާއި، ދުވަހުން ދުވަހަށް ދައްކަންޖެހޭ ފައިސާ، ފަސޭހަ ކަމާއި އެކު ދައްކާލެއްވޭނެ ކަމަށެވެ.

"ދިރާގު ޕޭ އަކީ ޑިޖިޓަލް ވޮލެޓެއް. މި ވޮލެޓް ބޭނުންކޮށްގެން ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދި ކުދި ވިޔަފާރި ތިބޭފުޅުންނަށް ކޮށްލެވޭނެ ކޮންމެ ދުވަހަކުވެސް. އަދި ރައްކާތެރިކަމާއި އެކު ތަކެތި ގަނެ، ފައިސާ ރައްކާ ކުރެވޭނެ ނިޒާމެއް މީ" ނަހުޝާން ވިދާޅުވިއެވެ.

މާރޗަންޓްސް ކަސްޓަމަރުންގެ ގޮތުގައި 170 އަށް ވުރެ ގިނަ ކަސްޓަމަރުން އަދި ރާއްޖޭގެ އެކި ހިސާބު ތަކުގައި 60 އަށް ވުރެ ގިނަ އެޖެންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރައްވަމުން ގެންދަވާކަމަށް ނަހުޝާން ވިދާޅުވިއެވެ. ހަމައެހެންމެ، ކުރިއަށް އޮތްތަނުގައި ހުޅުމާލެއިން ވެސް، އަދި މަޖީދީ މަގުގައި ވަރަށް ފަހުން ހުޅުވި މާރުކޭޓުން ވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ނަހުޝާން ވިދާޅުވިއެވެ.

ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓަށް މިއަދު ތަޢާރަފް ކުރި އިރު، މި ވަގުތު އެ ޚިދުމަތް ލިބެމުންދަނީ އެންމެ ގޮޅިއަކުންނެވެ. މި ޚިދުމަތް ލިބޭ ގިނަ ގޮޅިތަކެއް ކުރިއަށް އޮތް ތަނުގައި ހަމަޖައްސަވާނެ ކަމަށާއި، ރޯދަ މަހުގެ ފަހުންވެސް މި ޚިދުމަތް ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވިއެވެ.