ދައުލަތަށް ލިބެން ޖެހޭ 387 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.

މީރާ އިން ބުނީ ނިމިދިޔަ ކުއާޓަރގައި ދައުލަތަށް ލިބެން ޖެހޭ، އެކަމަކު ނުލިބި ހުރި ފައިސާގެ ތެރެއިން ހޯދާފައިވަނީ، ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދީގެން ހޯދި 205 މިލިއަން ރުފިޔާ އާއި ހަނދާން ކޮށްދީގެން ރިމައިންޑާ ކޯލްސް އަދި އީމެއިލް ކޮށްގެނ ހޯދާފައިވާ 124 މިލިއަން ރުފިޔާއެވެ.

ޑިއުޒް ކްލިއަރެންސްގެ ގޮތުގައި މުއްދަތު އިތުރުކޮށް ދީގެން 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާ އިން ވަނީ ހޯދާފައެވެ. އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިއިރު، ލީގަލް އެކްޝަންގެ ނަގައިގެން 544،564ރ. ވެސް ވަނީ ހޯދާފައެވެ.

މީގެ އިތުރުން މީރާ އިން މިދިޔަ ކުއާޓަރުގައި 204 އޮޑިޓް ކޮށް 184.4 މިލިއަން ރުފިޔާ އިތުރަށް ދައްކަން އަންގާފައިވެއެވެ. އަދި 15 ފަރާތަކުން އެ ކަމަށް އިއުތިރާޒުކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ. މި މުއްދަތުގައި 16 މައްސަލައެއް މީރާއާ އެއްކޮޅަށް ކޯޓުތަކުން ވަނީ ނިމިފައެވެ. އަދި 13 މައްސަލަ އެއްގައި މީރާއާ ދެކޮޅަށް ވަނީ ދައުވާ އުފުލާފައެވެ.

ޤާނޫނުން ލާޒިމް ކުރާ ޓެކްސްތައް ނުދައްކާ ފަރާތްތަކާއި މެދު އެކި ފިޔަވަޅުތައް އަޅައިގެން މީރާ އިން ކޮންމެ ކުއާޓަރެއްގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދައެވެ. މީރާ އަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ އޮތްނަމަ މީރާ މެދުވެރިކޮށް އެއްވެސް ޚިދުމަތެއް ނުލިބޭތީ މީރާ އަށް ފައިސާ ނުދައްކާ އުޅުން އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.