މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުގެ ފައިސާ އެ އަތޮޅެއްގެ ކައުންސިލްތަކަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި 12 ކައުންސިލަކަށް ޖުމްލަ ބާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. އަދި ފައިސާ ޖަމާނުކުރެވި ވަނީ ހަތަރު ކައުންސިލަކަށް ކަމަށާއި އެފައިސާ ވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ޖަމާ ކުރާނެ ކަމަށެވެ. ފިނޭންސުން ވަނީ 12 ކައުންސިލަކަށް ބާރަ މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދެރުފިޔާ ފަސްދޮޅަސް ދެލާރި(12538262.62) ޖަމާކޮށްދީފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ފައިސާ ލިބޭނެ ވަސީލަތްތަށް ވަރަށް މަދުކަމަށާއި އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިއްމު ވަސީލަތެއް ކަމަށެވެ.

“ކައުންސިލްތަށް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ވައުދެއް. އެހެން ކަމުން އެއްމެ މުހިންމު ކަމެއްގެ ގޮތުގައި ވާން ޖެހެނީ މާލީގޮތުން ފުދުންތެރިބަޔަކަށް ވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އެގޮތުން ފައިސާ ނުލިބި ހުރި ހިސާބުން ފައިސާ ދޭން މި ފެށީ" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެހެން އަހަރުތަކުގެ ފައިސާވެސް ކައުންސިލްތަކަށް ވީހާވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިހާރަތަށް ކުއްޔަށް ދީފައިވާވަނީ އެކި އަގު ތަކުގައެވެ. އަދި ކައުންސިލްތަކަށް ވެސް ލިބެނީ ކުއްޔަށް ދީފައިވާ އަގުގެ 50 އިންސައްތައެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރުއެވެ.