މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާއަކަށް އެ އަދަދު ބެހުމަށް ފާސްކޮށްފައިވަނީ މިރޭގެ ޖަލްސާގައި ބައިވެރިވި 504 ހިއްސާ ދާރުންގެ ޖުމްލަ ހިއްސާގެ ތެރެއިން 963،857 ހިއްސާއިންނެވެ. މި އަދަދު ބެހުމަށް ނުފެންނަ ކަމަށް 1880 ހިއްސާ ތަމްސީލް ކުރައްވާ ބޭފުޅުންވަނީ ވޯޓުދެއްވާފައެވެ. އަދި މި ވޯޓަށް 16 ހިއްސާ އަކުން ވޯޓު ދެއްވާފައެއްނުވެއެވެ.

މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ޖުމްލަ 9.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރުގެ އާމްދަނީ އާއި އަޅާބަލާއިރު، 1.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

މިރޭގެ ޖަލްސާގައި ވަނީ، 30 މެއި 2018 ގައި ބޭއްވި ކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސް ކޮށްފައެވެ. މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 504 ހިއްސާދާރުންނެވެ. އެހެންކަމުން އެއީ 938،753 ހިއްސާއެވެ. ޔައުމިއްޔާ ފާސްކުރުމަށް ނެގި ވޯޓުގެ ނަތީޖާވެސް އިއުލާންކޮށްފައިވަނީ ހިއްސާގެ އަދަދުންނެވެ.

އެގޮތުން ޔައުމިއްޔާ ފާސްކުރުމަށް ފެންނަ ކަމަށް 937،640 ހިިއްސާ، ނުފެންނަ ކަމަށް 1076 އަދި ވޯޓު ނުދެއްވާ 37 ހިއްސާކަމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމަށް ފެންނަ ކަމަށް 937،581 ހިިއްސާ ، ނުފެންނަ ކަމަށް، 1137 އަދި ވޯޓު ނުދެއްވާ 35 ހިއްސާ ކަމަށް އިއުލާންކޮށްފައިވެއެވެ.

ހަމައެހެންމެ، 2018 ވަނަ އަހަރު އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރެއްވުމަށް، ފެންނަކަމަށް 937،605 ހިއްސާ، ނުފެންނަ ކަމަށް 1132 ހިއްސާ އަދި ވޯޓު ނުދެއްވާ 16 ހިއްސާ ވެއެވެ.