އެސްޓީއޯ އަށް މިދިޔަ އަހަރު 9.4 ބިލިއަން ރުފިޔާ އެއް އާމްދަނީ އެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ 2018 ވަނަ އަހަރު އެ ކުންފުނި ހިނގާ ދިޔަ ގޮތުގެ އަހަރީ ރިޕޯޓު ހުށަހަޅާފައެވެ. މި ރިޕޯޓު ހުށަހަޅުއްވައިދެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން އަމްރު މުޙައްމަދު ރަޝާދެވެ.

މިދިޔަ އަހަރު އެސްޓީއޯގެ އާމްދަނީ އަށް 9.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ގްރޮސް ޕްރޮފިޓްގެ ގޮތުގައި މިދިޔަ އަހަރު، 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2017 އަޅާބަލާއިރު، 27 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން ކުންފުނީގެ ހުރިހާ ދާއިރާތަކަށްވެސް ލިބިފައިވާކަން އެ ކުންފުނިން ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ޚަރަދު ތަކަށް ބަލާއިރު، ޖުމްލަ 850 މިލިއަން ރުފިޔާ ވަނީ އެކި އެކި ކަންކަމަށް ޚަރަދު ކޮށްފައެވެ. މިއީ 2017 ވަނަ އަަހަރުގެ ޚަރަދުތަކާއި އަޅާބަލާއިރު، 160 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަދަދުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އިދާރީ ހިންގުމަށާއި، ސޭލްސް އެންޑް މާރކެޓިންގ އަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

އަދި އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެން ކަމަށާއި، އެގޮތުން ސާފު ފައިދާގެ ގޮތުގައި ޖުމްލަ 224 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި، އެ ކުންފުނީގެ ކޮންމެ ހިއްސާ އަކަށް 58 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައުޒީ

    އެހެންވީމާ ޔާމީން ސަރުކާރުގެ ހިންގުން ރަނގަޅުނޫންތޯ.. އެއީ އެސްޓީއޯ، ދިރާގު، ބޭންކު އޮފް މޯލްޑިވްސް، އެމްއޭސީއެލް، އެމްޓީސީސީ، އެމްޑަބްލިޔޫ އެސްސީ، އެލައިޑް، މިހުރިހާ ކުންފުނިތަކުގެ އާމްދަނީ އަދި ޕުރޮފިޓް ރިޕޯޓުކޮއްފައިވަނީ މަތީން ނޫންތޯ..