ހިނކަދި ފަތާއި ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ބާޒާރުގައި މިތަކެތި އުޅޭ އަގުތަކަށް ބަލާއިރު، ހިކަނދިފަތް ބޮނޑިއެއް ލިބެނީ 10 ރުފިޔާ އަށެވެ. އަދި ރާނބާ ފަތެއް ލިބެނީ 5 ރުފިޔާ އަށެވެ. މި ދެބާވަތުގެ ފަތް ގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް ވިކޭ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދެއްވައެވެ.

"މި ދެ ވައްތަރުގެ ފަތަކީ ހުރިހާ ގޭގޭގައިވެސް ބޭނުންކުރާ ދެ ފަތް ކަމަށްވާތީ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް މި ދެބާވަތުގެ ފަތް ވިކޭ. އަގުތައްވެސް ރޯމަ މަހުގެ ކުރިންވެސް ހުންނަ ވަރަށް މިހުރީ. މާބޮޑު ބަދަލު ތަކެއް ނާދެ އަގަކަށް." ވިޔަފާރި ވެރިއަކު ބުންޏެވެ.

ބާޒާރުން ލިބެން ހުރި ރާނބާފަތް / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ކަށިކޭލަކީ މިހާރަކަށް އައިސް ވަރަށް މަދުން ލިބޭ، ނަމަވެސް ދިވެހިންގެ މެދުގައި މަޤުބޫލު މޭވާއެކެވެ. ބާޒާރުންވެސް ކަށިކެޔޮ ފެންނަލެއް ވަރަށް މަދެވެ.

ބާޒާރުގައި ދެ ވައްތަރެއްގެ ކަށިކެޔޮ އެބަ ހުއްޓެވެ. އެއްވައްތަރަކީ ރީނދޫ ކަށިކޭލެވެ. އަދި އަނެއް ވައްތަރަކީ ރަތް ކަށިކޭލެވެ. މި ދެ ކޭލުގެ އަގުވެސް ތަފާތުކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ރީނދޫ ކަށި ކެޔޮ ލިބެންހުރީ، 10 ރުފިޔާ އަށް 3 ވަކުގެ ރޭޓުންނެވެ. ނަމަވެސް ރަތް ކަށިކެޔޮ ލިބެން ހުރީ 5 ރުފިޔާ އަށް ވަކެކެވެ. ކަށިކެޔި ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ރީނދޫ ކަށިކޭލަކީ ވަރަށް ފޮނި ކޭލެއް ކަމަށާއި، ނަމަވެސް ރަތް ކޭލުގެ ޑިމާންޑް މާ ބޮޑު ކަމަށެވެ.

"އާއްމުކޮށް އަޅުގަނޑުމެން ކަށިކެޔޮ މި ގެންނަނީ ނޮޅިވަރަމުން. ވަރަށް މަދުން ލިބެނީވެސް. ރީނދޫ ކޭލަކީ ވަރަށް މީރު ކޭލެއް. ވަރަށް ފޮނިވާނެ. ނަމަވެސް ފަނިގިރާ ކަންކަން ކުރުމަށް އާއްމުކޮަށް މީހުން ގެންދަނީ ރަތް ކަށިކެޔޮ. އެހެން ވީމަ ރަތް ކަށިކޭލުގެ ޑިމާންޑްވެސް ބޮޑީ. ރަތް ކަށިކޭލުގެ އަގުވެސް ބޮޑު ވާނެ." ވިޔަފާރި ވެރިއަކު ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ހުރި ރަތް ކަށިކެޔޮ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ބާޒާރުގައި ތަކެތީގެ އަތުތައް އުޅޭގޮތަށް ބަލާއިރު، ތޮއްޑޫން ގެންނަ ފާރޮށި، މާރުކޭޓުގައި ނިޞްބަތުން ގިނަ ކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ހިންމަފުށީގައި ތައްޔާރުކޮށްފަ ހުންނަ ފާރޮށި ކުނޑި ޕެކެޓަކީވެސް މި ރޯދަމަހު އޭގެ ވިޔަފާރި ރަނގަޅު ބާވަތެކެވެ.

ފާރޮށި ޕެކެޓެއް 30 ރުފިޔާ އަށް ލިބެން ހުރިއިރު، 200 ގްރާމުގެ ފާރޮށި ކުނޑި ޕެކެޓެއް 15 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ. އަދި 500 ގުރާމުގެ ފާރޮށި ކުނޑި ޕެކެޓެއް 25 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ.

ފާރޮއްޓާއި، ފާރޮށި ކުނޑި ވިއްކާ ވިޔަފާރިވެރިން ބުނީ، މިދުވަސް ކޮޅު ފާރިށީގެ ވިޔަފާރި އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް ފާރޮށި ކުނޑީގެ ވިޔަފާރި އާއްމުގޮތެއްގައި ރަނގަޅު ކަމަށެވެ.

ބާޒާރުގައި ވިއްކަން ހުރި ފާރޮށި / ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އައްޑޫން ފާރޮށި މި ގެންނަނީ. ވިޔަފާރި އެހާ ރަނގަޅެއް ނޫން. ވާގޮތަކީ މާރުކޭޓުތައް މިހާރު މާގިނައީ. އެހެންވީމަ މި ސަރަހައްދަށް އަންނަ މީހުންވެސް މިހާރު މަދު. މާލޭގެ ކޮންމެ ދިމާލެއްގަވެސް މާރުކޭޓުތައް މިހުންނަނީ. އާއްމުކޮށް ރިސޯޓުތަކަށް ފާރޮށި މި ގެންދަނީ. ފާރޮށި ކުނޑި މި ގެންގަނީ ހިންމަފުށިން. މީގެ ވިޔަފާރި ރަނގަޅު. ފާރޮށި ބޯކިބާ، ފާރޮށި ޕުޑިން އެއްޗެހި ހަދަން ވަރަށް ގިނަ މީހުން މި ގެންދޭ." ވިޔަފާރި ވެރިއަކު ބުންޏެވެ.

ރޯދަ މަސް ފެށިގެން ކުރިއަށްދާއިރު، އާއްގޮތެއްގައި މާރުކޭޓުން ވިއްކާ ގިނަ ބާވަތްތަކަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ބޮޑު ބަލަދެއް އައިސްފައިވަނީ ކަނޑޫދޫ މިރުހަށެވެ. ރޯދަ މަސް އައުމުގެ ކުރިން ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 1200 ރުފިޔާ އަށެވެ. ނަމަވެސް މިހާރު 650 ރުފިޔާ އަށް މިރުސް ކިލޯއެއް ލިބެން އެބަ ހުއްޓެވެ. މީގެ އިތުރުން އާއްމުކޮށް ހުރިހާ ދިވެހިންވެސް، ފަނި ގިރަން ބޭނުންކުރާ ކަރާގެ އަގުވެސް ވަރަށް ބޮޑަށް ހެޔޮވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކަރާ ކިލޯއެއް 20 ރުފިޔާ އަށް މިހާރު ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ޙިކަނދި ފަތަކީ އަޅުގަނޑު މެނައް ކުނި މަދަކުން އޮންނަ އެއޗެއްނޫން ގައްނާކަށް ނުޖެހޭ