ގެސްޓްހައުސް އައިލެންޑްގެ ގޮތުގައި ކުރީގެ ސަރުކާރުން ތަރައްޤީ ކުރަން ފެށި ލ.އަތޮޅު ބަރެސްދޫ އިން ސަރުކާރަށް ލިބުނު ފައިސާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އިސް ވެރިން އުސޫލާއި ހިލާފަށް ބޭނުން ކުރި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

އޭސީސީ އިން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓްތައް ބައްލަވައިގެން ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ އިން އެކުންފުނީގެ އިސް ފަރާތްތަކުން އުސޫލާއި ހިލާފަށް ހަރަދުކޮށްފައިވާ މައްސަލައެއް ހުށަހެޅިފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭސީސީ އިން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓަށް ފައިސާ ދެއްކި ފަރާތްތަކުން އެމައުލޫމާތު އޭސީސީ އާއި ހިއްސާ ކުރުމަށް އޭސީސީ އިން ވަނީ އެދިފައެވެ.

ދެއްކި ފައިސާގެ އަދަދާއި، ފައިސާ ދެއްކި ގޮތް އަދި އެމުއާމަލާއި ގުޅޭ ލިޔުމެއް އޮތްނަމަ އެލިޔުމެއް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން އޭސީސީ އާއި ހަވާލު ކުރުމަށް އޭސީސީ އިން އެދެއެވެ.

ބަރެސްދޫ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފުރަތަމަ އިއުލާން ކުރީ އެމްއެމްޕީއާރްސީ އިންނެވެ. އެރަށުގެ ގިނަ ބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރީ ވެސް އެކުންފުނިންނެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ބަރެސްދޫ މަޝްރޫޢު މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުފައްދާ އެކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލ

    ޝަކީބާ އާއި ހަމްޒީލް ލާރި ކެއިވަރުން އެމްއައިޓީޑީސީ ބަނގުރޫޓު ވީ!!!

  2. ފިރުޓޭ

    އާނ ސަރުކާރުން އަތް އަނބުރުވައިގެން ސަރުކާރުން އޭރުން ބާއްވަަން ބޭނުންވި ސޯ ތައް އިސްޕޮންސަރ ކޮށް އޯގަނައިޒު ކޮށް ހެދީވެސް ތި ކުންފުނި ތަކުން! އަސްލު ވެރިންގެ އެއްވެސް ބާރެއް ނޯވޭ! އޮންނަނީ މެޑަމް ގެ ބާރު! މާ ވަރުގަދަ މެޑަމެއްނު އެއީ! ކަދުރު މެޑަމް އަކީ! މީ އެއީ އިމްޕީރިއަލް ރަސިޔާގަ، ޒަރީނާ އަތްގަދަކޮށްގެން އުޅުނު ފާޑަށް އުޅެފަ ހުރި މެޑަމެއް! ނޭނގެ ކިހާ ވަރެއްގެ ރާސްޕުޓިން އެއް ކަމެއް ކައިރީގަ އަތުއަޅުވައިގެން ގެންގުޅުނީކީ!