ގެސްޓްހައުސްތަކުން ދައުލަތަކަށް ގްރީން ޓެކްސްގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރިޗް މަހު ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު 69 އިންސައްތަ ވަނީ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މާރިޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 83،176،441 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، %4.3 އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން މާޗު މަހު ލިބުނީ 73 މިލިއަން ރުފިޔާއެވެ. އަދި ރަށްރަށުގައި ހުންނަ ހޮޓާތަކުން ދެ މިލިއަން ރުފިޔާ ލިބުނުއިރު، ގެސްޓް ހައުސް ތަކުން މިދިޔަ މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ ހަތަރު މިލިއަން ރުފިޔާއެވެ.

އަދި މިދިޔަ މާރިޗްމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެ އަތޮޅުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ދައްކައިފައެވެ. އަދި ލިވަބޯޑާއި ސަފާރީތަކަށް ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ލިބުނީ ތިން މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.