ފްލައިމީން އައްޑޫ އާއި ފުވައްމުލަކަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ފްލައިމީން ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫ އާއި ފުވައްމުލަކަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ ނިންމުން ނިންމީ، އެ އެއާލައިނުގައި މަސައްކަތް ކުރާ ކްރޫންނާއި، ޕައިލެޓުން މަދުވުމުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

އަދި އެކަމުގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށް އެ ބަޔާނުގައިވެއެވެ.

ފްލައިމީގެ ބަޔާނުގައި ބުނެފައި ވަނީ، އެކަމަށް ވީހާވެސް އަވަހަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަމަށް ހައްލެއް ހޯދުމަށް އެންމެ ފްލައިމީން މިހާރުވެސް ޕައިލެޓުން ތަމްރީން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ވީހާވެސް އަވަހަށް ޕައިލެޓުން މަސައްކަތުގެ މައިދާނަށް ނެރޭނެ ކަމަށް ފްލައިމީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަންޒިލުތަކަށް ދަތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

ފްލައިމީގެ ވިސްނުން ހުރީ އަނެއްކާވެސް މި ދެ އަތޮޅަށް ކުރަމުން ދާ ދަތުރުތައް މިހާރަށްވުރެ ފެންވަރު ރަނގަޅަށް ފޯރުކޮށްދިނުމަށެވެ.

ފްލައިމީގެ ދަތުރުތައް އައްޑޫ އަދި ފުވައްމުލަކަށް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ.