ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން މިއަދު މާލެ ވިލިމާލެ އަދި ހުޅުމާލޭގެ ޕާކުތަކަށް ހިލޭ ވައިފައި ދޫކޮށްފިއެވެ.

ދިރާގުގެ ޑިޖިޓަލް ރާއްޖެ އިނިޝިއޭޓިވްގެ ދަށުން މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަސްރަނި ބަގީޗާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދެވެ.

ދިރާގުން މިއަދު ބުނީ ޕާކުތަކުގައި ހިލޭ ވައިފައި ލިބޭ ހޮޓްސްޕޮޓު ހިދުމަތާއެކު، އެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުން 30 މިނެޓަށް ހިލޭ ވައިފައި ހިދުމަތް ލިބޭނެ ކަމަށެވެ.

މި ހިދުމަތް ބޭނުން ކުރުމަށް ވައިފައި ހޮޓްސްޕޮޓް ޕޭޖަށް ވަދެ ލޮގިން ވާންޖެހޭއި 30 މިނެޓަށް ބޭނުން ކުރަން 100 އެމްބީގެ ޑޭޓާ ލިބޭނެއެވެ. މި ޑޭޓާ ހަމަވުމުން އިތުުރު އެޑްއޮން ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަދު ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ޕާކުތަކާއި އާންމުން ގިނައިން އެއްވެ އުޅޭތަންތަން ފާހަގަކޮށް، ހޮޓްސްޕޮޓުތައް ގާއިމް ކުރުމުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތަކީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް، ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ލިބޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް" އިސްމާއިލް ވިދާޅުވިއެވެ.

މިރަސްމިޔާތުގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ ވައިފައި ހޮޓްސްޕޮޓުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާއިރު، އޭގެބޭނުން އެންމެ އެދެވޭގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

"އިންޓަނެޓަކީ މިހާރު އެންމެން ބޭނުންވާ ޒަރޫރީ ހިދުމަތެއް. ވައިފައި ހޮޓްސްޕޮޓުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާއިރު، އޭގެބޭނުން އެންމެ އެދެވޭގޮތުގައި ހިފަން ޖެހޭ" ސިފާ ވިދާޅުވިއެވެ.

މިއަދު ޕާކުތަކަށް ދޫކުރި މި ހިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މކސ

    ދެން އިވޭނީ ކޮންމެވެސް ޕާކަކުން ބަޔަކަށް ނުރައްކާތެރި ހަމަލާއެއް ދިން ޚަބަރުކަން ނޭނގެ!

  2. ހުޒޭ

    އަނެއްކާ އަނެއްކަންތައް ޖެހުނީ. ތިތަންތަނަށް ބަންގާޅީން ޖަމާވެ ރަށަށް ގުޅައިގެން ހަލޭލާނީ. އަހަރުމެން އިށިދެލާނެ ތަންކޮޅެއް އަދި އަމުދުން ދެން ނުލިބާނެ!

    4
    1
  3. ޑުޓާޓެ

    ދަންވަރު ހޭލާ އުޅޭ ގަދަ ފަދަ ޒުވާނުން ނަށް ތިކަމުން ފައިދާ ވާނީ

  4. ެެއޑވޑ ބމނޑ.

    ތީދެން ކަމެއްތަ!

  5. ޞާއީ

    އެވެސް މާލެއަށް.
    ކަސްޓަމަރުންނާއި އެމީހުންގެ ދަރިންވެސް އުޅެނީ މާލޭގަ ދޯ ؟
    ރާއްޖެތެރެމިއީ ބާކީ.

  6. މސޓރ

    މެގަ ޕްރޮޖެކްޓް ދެން އޯކޭ ތިވަރުގެ ޕްރޮޖެކްޓެއް ކުރިޔައް ގެންދެވުނީތީ ތިކަހަލަ ބަޔަކަށް.
    އެނީވޭ މިއަދު ހީވޭ ކުޑަކޮށް މޫނުދޮވެލައިގެން ހުރިހެންވެސް.