ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ކުރިއަށްދާއިރު، ރޯދައިގެ ކުރިން ކަނޑުމަހުގެ އަގު ބާޒާރުގައި ހުރި އަގާއި އަޅާ ބަލާއިރު، މިއަދު ބާޒާރުގައި ކަނޑު މަހުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިއަދު މަސްމާރުކޭޓަށް ގޮސް މަހުގެ އަގުތައް ހުރިގޮތަށް ބަލާލިއިރު، ކަނޑުމަސް ކިލޯއެއް 25 ރުފިޔާ އަށް ލިބެން އެެބަހުއްޓެވެ. ނަމަވެސް މީގެ ހަފްތާއެއް ކުރިން ރޯމަސް ކިލޯއެއް ލިބެން ހުރީ 35 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގެ އަގަކަށެވެ.

އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކަނޑުމަހުގެ އަގު ދަށްވާނެ. މަސް ލިބުން ވަރަށް ތިޔާޤި މިދުވަސް ކޮޅު. އެހެން ކަމުން އަގުތައް ދާނީ ދަށަށް. މިދިޔަ އަހަރުގެ ރަމަޟާންމަހާއި އަޅާބަލާއިރުވެސް މިއަހަރު ކަނޑުމަހުގެ އަގު ދަށްކަމަށް މި ފެންނަނީ." މަސް މާރުކޭޓުގައި މަސްވިއްކުމުގެ މަސައްކަތް ކުރަމުންދާ މީހަކު ބުންޏެވެ.

ބާޒާރުގައި ކަނޑުމަހުގެ އަގު ދަށަށް ދިޔަ ނަމަވެސް، ފަރުމަހުގެ އަގު ބޮޑުކަން ފާހަގަ ކުރެވެއެވެ. ރަތްމަސްވެސް އުޅެނީ 50 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. މާނިޔާ މަހުގެ އަގުވެސް އުޅެނީ 50 ރުފިޔާ އާއި 120 ރުފިޔާ އާއި ދެމެދުއެވެ. ފިލޮޅެއްގެ އަގުވެސް އުޅެނީ 60 ރުފިޔާ އާއި 90 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް ގައެވެ.

މީގެއިތުރުން، ބޮޑު ކަންނެލި ކިލޯއެއް 45 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ.ހަމަ އެހެންމެ، ބޯވަ ވެސް އެކި އަގުތަކުގައި ލިބެން އެބަހުއްޓެވެ. އެގޮތުން ބޮޑު ބޯވައެއް 180 ރުފިޔާއަށް، މެދު ސައިޒްގެ ބޯވައެއް 150 ރުފިޔާއަށް އަދި ކުޑަ ސައިޒްގެ ބޯވައެއް 50 ރުފިޔާއަށް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ

ކިޔުންތެރިންގެ ހިޔާލު