މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. މިއަދުވެސް، އާއްމުކޮށް މީހުން ގަންނަ ބާވާތްތަކުގެ އަގުތައް ބާޒާރުގައި އުޅޭ ގޮތެއް ބަލާލީމެވެ.

ކަނޑޫދޫ މިރުސް މިއަދުވެސް ހުރީ އިއްޔެ އެކޭ އެއްގޮތަށް 600 ރުފިޔާ އާއި 650 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ލިބެން އެބަ ހުއްޓެވެ. މީގެ އިތުރުން ހުރިހާ ގޭގައިވެސް ފަނި ގިރުމަށް އާއްމުކޮށް އެންމެންވެސް ބޭނުންކުރާ، ކަރާ ގެ އަގު އުޅެނީ ކިލޯއެއް 18 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ކުރުނބާ ވެސް ލިބެން އެބަ ހުއްޓެވެ.

މީގެ އިތުރުން، ފަރުމަސް ކިލޯއެއް 55 ރުފިޔާ އަށް، ކަޑުމަސް ކިލޯއެއް 25 ރުފިޔާ އަށް، ބޭރު މިރުސް ކިލޯއެއް 150 ރުފިޔާއަށް، ލިނބޯ ކިލޯއެއް 40 ރުފިޔާ އަށް، ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާ އަށް، ކުއްޅަވަށް ފިލާފަތް ބޮނޑިއެއް 15 ރުފިޔާ އަށް، ވަޅޯމަސް ކިލޯއެއް 80 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ.

ހިކަނދިފަތް ބޮނޑިއެއް ލިބެނީ 10 ރުފިޔާ އަށެވެ. އަދި ރާނބާ ފަތެއް ލިބެނީ 5 ރުފިޔާ އަށެވެ. މި ދެބާވަތުގެ ފަތް ގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް ވިކޭ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދެއްވައެވެ.

ބާޒާރުގައި ދެ ވައްތަރެއްގެ ކަށިކެޔޮ އެބަ ހުއްޓެވެ. އެއްވައްތަރަކީ ރީނދޫ ކަށިކޭލެވެ. އަދި އަނެއް ވައްތަރަކީ ރަތް ކަށިކޭލެވެ. މި ދެ ކޭލުގެ އަގުވެސް ތަފާތުކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ރީނދޫ ކަށި ކެޔޮ ލިބެންހުރީ، 10 ރުފިޔާ އަށް 3 ވަކުގެ ރޭޓުންނެވެ. ނަމަވެސް ރަތް ކަށިކެޔޮ ލިބެން ހުރީ 5 ރުފިޔާ އަށް ވަކެކެވެ. ކަށިކެޔި ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ރީނދޫ ކަށިކޭލަކީ ވަރަށް ފޮނި ކޭލެއް ކަމަށާއި، ނަމަވެސް ރަތް ކޭލުގެ ޑިމާންޑް މާ ބޮޑު ކަމަށެވެ.

ދޮންކެޔޮ ވަކެއް އެންމެ އަގު ހެޔޮކޮށްވެސް ލިބެންހުރީ 5 ރުފިޔާއަށް ވަކެކެވެ. ދެން ހުރީ 15 ރުފިޔާއަށް 2 ވައް، 20 ރުފިޔާއަށް 3 ވައް މިގޮތަށެވެ. ކާށި ލިބެންހުރީ 4 ރުފިޔާ އާއި 15 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ލޮނުމެދު ކިލޯއެއް ލިބެން ހުރީ 50 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ޕެކެޓެއްގައި 3 ހިލި އޮންނަ ކުދި ވަޅޯމަސް ޕެކެޓް ލިބެން ހުރީ 70 ރުފިޔާ އާއި 90 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

ބަރަބޯ ކިލޯއެއް 25 ރުފިޔާއަށް، ފަޅޯ ކިލޯއެއް 25 ރުފިޔާ އާއި 35 ރުފިޔާ އާއި ދެމެދުގެ އަގަކަށް ލިބެންހުރި އިރު، ތައިލެންޑް އަނބު ކިލޯއެއް 180 ރުފިޔާއަށް، ތައިލެންޑް ފޭރު ކިލޯއެއް 120 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު