ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތައް ލިބުނު އާމްދަނީ ދަށް ވެއްޖެއެވެ.

މީރާ އިން އާއްމުކޮށްފައިވާ މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މެއި މަހު މީރާ މެދުވެރިކޮށް ދައުލަތައް ލިބުނީ 1،9 ބިލިއަން ރުފިޔާ އެވެ. އެއީ ކުރިން ލަފާކުރި އާމްދަނީ އަށް ވުރެ 5.5 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ މަހު ވަނީ ބޭންކް ޕްރޮފިޓް ޓެކްސް އާއި ލޭންޑް ސޭލްސް ޓެކްސް އަދި ރެވެނިއު ސްޓޭމްޕް ވިއްކައިގެން ލިބުނު އާމްދަނީ ދަށްވެފައެވެ.

މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީ އިން 666 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އާމްދަނީ 61.4 އިންސައްތައެވެ. ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 439 މިލިއަން ރުފިޔާ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާ އިން ނެގި ޖީއެސްޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި 95 މިލިއަން ރުފިޔާ މިދިޔަ މަހު ލިބުނު އިރު ގްރީން ޓެކްސްގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބުނެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް މިދިޔަ މަހު 64 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ލަފާކުރި ވަރަށް ވުރެ މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ދަށްވެފައި ވާއިރު ދައުލަތުގެ ދަރަނި މިއަހަރުގެ ތެރޭގައި 1،6 ބިލިއަނަށް ވަނީ އިތުރުވެފައެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިޤުތިޞާދު ދަށަށް ދާނެ ކަމަށް އިއްޔެ ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަނީފް

    ޓެކުހުގެ އިންސައްތަ މަތިކޮށްލުމުން ތިކަން ހަމަޖެހުނީ

  2. ޖ

    ގައުމުހިންގަންނޭގޭ ބަޔަކާ ގައުމުހަވާލު ކުރީމާވާނެ ގޮތް
    މިފެންނަނީ .

    12
  3. ޞިރާޠު

    ދަރަނި ނުނަގާނޭކަމަށް ފެލިއެރުވި އާލާތުން ވެރިކަމާ ޙަވާލުވިެ 7 މަސްތެރޭގައި ދަރަނި 1.6 ބިލިޔަން އިތުރުވުމަކީ ސަރުކާރު ފެއިލްވެއްޖެކަމުގެ ނިޝާނެކެވެ.

    14