އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ގޯސްވެ އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރަމުން ގެންގޮސް އެންމެ ބޮޑު އިޤުތިޞާދީ ދެބާރުގެ ދެމެދުގައި ވިޔަފާރީގެ "ހަނގުރާމައެއް" ފެށިފައި ވަނިކޮށް އިންޑިއާ އާއި އެމެރިކާ އިން ވެސް މިފަދަ "ހަނގުރާމައެއް" ފަށައިފިއެވެ.

އެމެރިކާ އިން އިންޑިއާ އަށް އެތެރެ ކުރާ 28 ބާވަތެއްގެ މުދަލުން މާދަމާ އިން ފެށިގެން އިތުރު ޓެކްސް ނަގާނެ ކަން މިއަދު އިންޑިއާ އިން ވަނީ އިއުލާން ކޮށްފައެވެ. އެބާވަތްތަކުން ޓެކްސް ނަގާ މިންވަރު 120 އިންސައްތަ އަށް ބޮޑު ކުރަން އިންޑިއާ އިން ވަނީ ނިންމާފައެވެ.

މިއީ 2018 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާ އިން ނިންމި ނިންމުމެކެވެ. ނަމަވެސް ވިޔަފާރީގެ މަޝްވަރާތައް އެމެރިކާ އާއި އިންޑިއާ އިން ކުރަމުން ގެންދާތީ މިނިންމުމަށް އަމަލު ކުރުން އިންޑިއާ އިން ދިޔައީ އެކި ފަހަރުމަތިން ލަސްކުރަމުންނެވެ. އެންމެފަހުން މާދަމާ އިން ފެށިގެން މިނިންމުމަށް އަމަލު ކުރަން އިންޑިއާ އިން ނިންމީ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ.

އެެމެރިކާގެ އުފެއްދުންތަކުން އިތުރު ޓެކްސް ނަގަން އިންޑިއާ އިން ނިންމުމުން އިންޑިއާ އަށް އާމްދަނީގެ ގޮތުގައި 217 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިއީ އެމެރިކާ އިން މިދިޔަ މާޗް މަހު އެކްސްޕޯޓް ޓެކްސް ބޮޑު ކުރުމުން އިންޑިއާ އަށް ލިބެމުންދާ ގެއްލުމަށް ވުރެ ކުޑަ އަދަދެކެވެ. އެމެރިކާ އިން ބައެއް ބާވަތްތަކުގެ މުދާ އެކްސްޕޯޓް ކުރުމުން ނަގާ ޓެކްސް ބޮޑު ކުރުމުން އަހަރަކު އިންޑިއާ އިން 240 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

އިންޑިއާ އާއި އެމެރިކާ އިން އިޤުތިޞާދީ ކޯޅުމެއްގެ ތެރެއަށް ގޮސްފައި ވާއިރު މި ކަމުގެ ސަބަބުން އިންޑިއާގެ އިޤުތިޞާދީ ކުރިއެރުމަށް އަސަރުކޮށް، ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އިޤުތިޞާދީ މާހިރުން ވިދާޅުވެއެވެ.

އިންޑިއާގެ ނިންމުމާއި ބެހޭ ގޮތުން އެމެރިކާ ސަރުކާރުން އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިކުލީލް

    އިންޑިއާ، ޗައިނާ، ރަޝިއާ އެކައްޗެއްކިޔައިގެން ނިކުމެބަލަ ތިޔަ އެމެރިކާ ވެއްޔާއެކު މޮޑެލެވިދާނެ.

    22
    1
  2. ދދދދދދ

    ދެ ޝައިޠާނުންގެ ހަނގުރާމައެއް ތީ. ލާހިދަރިން ގިނަ ބަޔެއްގެ ކޮޅު ގަދަވާނެތާ.