ދުނިޔޭގެ އެންމެ ބޮޑު ޓުއަރިޒަމް ޓްރޭޑް ފެއާ އައިޓީބީ ބާލިންގައި ބޭއްވި ގޯލްޑެން ސިޓީ ގޭޓް އެވޯޑްސް 2018ގައި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން ތިން އެވޯޑު ހޯދައިފިއެވެ. ގޯލްޑެން ސިޓީ ގޭޓްސް އެވޯޑަކީ ޓުއަރިޒަމް މަލްޓިމީޑިއާ އެވޯޑެކެވެ.

30 ގައުމަކުން 157 ފަރާތެއް ބައިވެރިވި މި އެވޯޑްސްގައި ސްރީލަންކަން އަށް، ކެމްޕެއިން ކެޓަގަރީއިން "ފަސްޓް ސްޓާ" އަދި ހަމަ އެ ކަޓަގަރީ އިން "ސެކަންޑް ސްޓާ" ވަނީ ލިބިފައެވެ. މީގެ އިތުރުން ޓީވީ ސިނަމާ ސްޕޮޓް ކެޓަގަރީއިން ވެސް "ސެކަންޑް ސްޓާ" ވަނީ ލިބިފައެވެ.

ކެމްޕެއިން ކެޓަގަރީއިން "ފަސްޓް ސްޓާ" ލިބިފައި ވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ލޯންޗު ކުރި ކެމްޕެއިންގެ ވީޑިއޯ "ޓޫ ސިޓީސް، ވަން ސްޕިރިޓް" އަށެވެ. "ސެކަންޑް ސްޓާ" ލިބިފައި ވަނީ އެ އެއާލައިން އިން ޗައިނާގައި ފެށި ކެމްޕެއިންގައި ބޭނުން ކުރި ވީޑިއޯ "ސަ ސްޕިރިޓް އޮފް ޗައިނާ، ދަ ސްޓޯރީ އޮފް ސްރީލަންކާ" އަށެވެ. ޓީވީ ސިނަމާ ސްޕޮޓް ކެޓަގަރީއިން "ސެކަންޑް ސްޓާ" ލިބުނީ އެ އެއާލައިންގެ ވީޑިއޯ "ދަ ލާޖެސްޓް ކެރިއާ ޓު އިންޑިއާ" އަށެވެ.

މިއީ ސްރީލަންކަން އަށް ގޯލްޑެން ސިޓީ ގޭޓް އެވޯޑްސްގައި ވަނަ ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ އެއާލައިންސް އަށް ގޯލްޑެން ސިޓީ ގޭޓް އެވޯޑްސްގައި ލިބިފައި ވަނީ އެމްއައިސީ ޕްރޮމޯޝަންސް ކެޓަގަރީ އިން "ގޯލްޑް ސްޓާ" އެކެވެ. އެއީ "އެޕިކް ޖާނީ އޮފް ސްރީ ލަންކާ އޮން ސްރީލަންކަން އެއާލައިންސް" ނަމަކަށް ކިޔާ އެ އެއާލައިންގެ ޑެސްޓިނޭޝަން ވިޑިއޯއަކަށެވެ.

މިކަމާ ގުޅިގެން ސްރީނަލްކަންގެ ޗެއާމަން އަޖީތް ޑިއަސް ވިދާޅުވީ އެ ތިން އެވޯޑު ލިބުމަކީ އެކުންފުނީގެ މާކެޓިން އަދި ކޮމިއުނިކޭޝަންގެ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

މި އަހަރު އައިޓީބީ ބާލިންގައި ބޭއްވީ ގޯލްޑެން ސިޓީ ގޭޓް އެވޯޑްސްގެ 18 ވަނަ ހަފްލާއެވެ. މި އެވޯޑްސްގައި ވަނަ ކަނޑައަޅާފައި ވަނީ 40 މެމްބަރުންގެ ޖޫރީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    އެއީ ކެމްޕޭން ކުރިލެއް މޮޅުކަމުން ދިން އެވޯޑެއް ދޯ! އެއީ ސްރީލަންކަން އެއަލައިނަށް ޚިދްމަތުގެ އެވޯޑެއް ދީފިނަމަ، އަހަރުމެން އެެއަާރޕޯޓާ ދެމެދު ދަތުރުކުރާ ސަތަރި އޮޑި ފަހަރަށްވެސް އިނާމް ހައްޤުވާނެ އައިޓީބީ ފެއަރގަ!