މާލެ ރީޖަންގައި ހިމެނޭ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ނައިޓް މާކެޓް، ފެއާރ އަދި މަގުމަތީ ބާޒާރުތައް ބޭއްވުމަށް މުނާސަބު ދުވަސްތަކެއްް ކަނޑައަޅައި، އެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

މިދިޔަ ހަފްތާގައި އިކޮނަމިކް މިނިސްޓްރީ އިން ވަނީ ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތައް ބާއްވަން ޖެހޭނެ ގޮތުގެ އުސޫލެއް ކަނޑައަޅާ، އެއުސޫލަށް އަމަލު ކުރަން ފަށަފައެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށް ވެސް މިއުސޫލުގައި ބުނެފައި ވެއެވެ. މިގޮތުން، ފާހަގަކުރެވޭނެ މުނާސަބަތުތައް ކޮންމެ އަހަރަކު އެއްފަހަރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ޢާންމުކޮށް އިޢްލާނު ކުރަންވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، މާލެ ރީޖަންގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓް، ފެއަރ އަދި މަގުމަޓީ ބާޒާރު ބޭއްވުމަށް ހުއްދަދޭން އެ ކައުންސިލުން ނިންމާފައިވަނީ އަޟްހާ އީދުދުވަސް، ފިތުރު ޢީދުދުވަސް، ރާއްޖެއިސްލާމްވީ ދުވަސް، ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާއަހަރު ފެށޭދުވަސް، ހިޖްރީ އާއަހަރު ފެށޭ ދުވަސް އަދި މަސައްކަތްތެރިންގެ ދުވަހުގެ އިތުރުން ނަސްރުގެ ދުވަހާއި ޝަޢުބާން މަހު އެވެ.

ސިޓީކައުންސިލްގެ އިއުލާންގައި ބުނެފައިވަނީ، ސިޓީ ކައުންސިލުން މާލޭގައި ނައިޓްމާކެޓާއި ފެއަރތަކާއި މަގުމަތީ ބާޒާރުތައް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަސްތަކުގައި ނައިޓްމާކެޓް ފެއަރ އަދި މަގުމަތީ ބާޒާރުތަށް މާލެރީޖަންގައި ހިމެނޭ މާލެ ވިލިމާލެ ހުޅުމާލެގައި ބޭއްވުމަށް އެދޭ ފާރާްތްތަކުން މާލެ ސިޓީ ކައުންސިލަށް ފޯމް ހުށަހެޅުމުން ހުއްދަ ދޭނެއެވެ.

ނައިޓްމާކެޓް ފެއަރ އަދި މަގުމަތީ ބާޒާރު ބާއްވަން އެދި ހުށައަޅާ ފޯމް ބަލައިގަންނާނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ން 13:00 އަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުން ބަލައި ގަންނާނެއެވެ.

އިކޮނަމިކް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރައެއްގައި ނުވިކި ހުރި މުދާ އެކަނި ކަމަށެވެ.