ރީތިވުމަށް ބޭނުން ކުރާ ކޮސްމެޓިކްސްގެ ދުނިޔޭގެ މަޝްހޫރު ތިން ބްރޭންޑެއްގެ އައުޓްލެޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓާމިނަލްގެ ޑިޕާޗަރ އޭރިޔާގައި މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިޔާތެއްގައި އަލަށް ތައާރަފް ކުރި ތިން ބްރޭންޑަކީ ޖޯމަލޯން ލަންޑަންއާއި މެކްގެ އިތުރުން ޓޮމްފޯޑް އެވެ.

މިއައުޓްލެޓްތައް ހުޅުވުމުގެ ރަސްމިޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެސިސްޓެންޓް ޖެނަރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ މިއަދު ހުޅުވުނު ތިން އައުޓްލެޓަކީ ޕާފިއުމްއާއި ފްރެގްރެންސްގެ އިތުރުން ކޮސްމެޓިކްސްގެ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށާއި، މިއީ ދިވެހިނަށް ވަރަށް ކަމުދާނެ އައުޓްލެޓް ތަކެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިހާރުވެސް އިތުރު ބްރޭންޑްތައް ހުޅުވަން ރިކްއެސްޓްތައް އާދޭ ނަމަވެސް ކުޑަކޮށް ވެސް ދަތިވާ ތަންކޮޅަކީ ޖާގައިގެ ދަތިކަން, ނޫން ނަމަ މިއަށްވުރެން ބޮޑެތި ޝޮޕްތައް ވެސް ގެނެވޭނެ" ހަސަން އަރީފް ވިދާޅުވިއެވެ.

އަރީފް އިތުރަށް ވިދާޅުވީ މިއަދު މި ހުޅުވުނު ތިން އައުޓްލެޓުން ވެސް ވަރަށް އަގު ހެޔޮކޮށް ކޮސްމެޓިކްސްގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެމްއޭސީއެލްގެ އަމާޒަކީ އެއަރޕޯރޓުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކޮށް ފުޅާކުރުން ކަމަށާއި ކުރިއަށް އޮތްތާގައި މިކަން ފެނިގެންދާނެ ކަމަށެވެ.

ވީއައިއޭގައި މިހާރު ވެސް އިންޓަނޭޝަނަލް ފްރެންޗައިޒްގެ ހިދުމަތްދެއެވެ. މިގޮތުން ހިދުމަތްދޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ނޫޑީއާއި ބާގާކިންގްގެ އިތުރުން ކޮފީ ކްލަބާއި ތައިއެކްސް ޕްރެސް ހިމެނެއެވެ.