އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓެއް މިއަދު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފައި ވަނީ، ކުންފުނިތައް އުވާލުމާބެހޭ ގަވާއިދުގެ ދަށުން އުވާލަން ނިންމާފައިވަނީ 523 ކުންފުންޏެއްކަމަަށެވެ.

އަދި އުވާލެެވޭ އެ ކުންފުނިތަކަކީ ގަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކެއް ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 1979 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައްކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އުވާލުމަށް ކަނޑައަޅާފައިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް އެދޭ ކަަމަށެވެ.

އަދި އުވާލުމަށް ނިންމާފައިވާ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މައްސަލައެއް އޮތްނަމަވެސް، އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާގޮތުން އުވާލަންޖެހިފައިވާ 7000 އަށް ވުރެ ގިނަ ކުންފުނި އެބަހުއްޓެވެ.