ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ފުވައްމުލަކާއި ލ. ފޮނަދޫ ޤުރުއާން ކްލާސް ހިންގުމަށް އެ މަރުކަޒަށް ދިރާގުން މެގަ އެކްސެސް ނެޓްވޯކް ފޯރުކޮށްދީފިއެވެ.

އެކަމުގެ އެއްބަސްވުމެއްގައި ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެއެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ދިރާގުން ބުނީ، މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެކަމަށެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެވޭނެކަމަށްވެސް ބުންޏެވެ.

މި ހިދުމަތުގެ ދަށުން މިފަހަރު ދަރިވަރުންނަށް 3 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި އިމާމް ފައުންޑޭޝަން ކޯހާއި އިމާމް ޑިގްރީ ކޯހުގެ އިތުރުން ޤުރުއާން މުދައްރިސް ޑިގްރީ ކޯސް ހިމެނެއެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ތަފާތު 4 އަތޮޅެއްގައި ކީރިތި ޤުރުއަނާ ބެހޭ މަރުކަޒަށް މި ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި، ޏ. ފުވައްމުލައް، ރ.އަލިފުއްޓާއި، އދ މާމިގިއްޔާއި، ފ.ނިލަންދޫ ހިމެނެއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.