ސިނގިރޭޓްގެ ޑިއުޓީ އަށް މިދިޔަ އަހަރު ގެނައި ބަދަލާއިއެކު ބޮންޑެޑް ވެއާ ހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުގެ ޑިއުޓީ ދެއްކުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 20 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ނެރެފައިވާ މިދިޔަ މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު ލިބުނީ 257 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 323 މިލިއަން ރުފިޔާ ކަމަުން އެއީ 20 ޕަސެންޓުގެ ދަށްވުމެކެވެ.

އަދި އިމްޕޯޓް ޑިއުޓީގެ އާމްދަނީ އަށް މި ބަދަލު އަންނަން ޖެހުނު ސަބަބަކީ މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ގެނެވުނު ބަދަލާ ގުޅިގެން ބޮންޑެޑް ވެއާ ހައުސްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ދައްކާ ކްލިއާކޮށްފައިވާތީ ކަމަށާއި މި ބަދަލާއެކު މިދިޔަ މަހުގެ ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިން ވަނީ ރައްކާކޮށްފައި ހުރި އަދަދު އުނިވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 20 ޕަސެންޓް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރު ފެބްރުވަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ހުރީ 240 މިލިއަން ރުފިޔާގައި އެވެ.