ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑިސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ލޯކަލް މާރުކޭޓް އިމާރާތްކުރަނީ ފެރީ ޓާމިނަލްގެ ދެކުނުންނެވެ.

އެގޮތުން މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިވަގުތަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީއިން ބުނެފައިވާއިރު އެކުންފުނިން ބުނީ މި މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވިއްކަން ސްޓޯލްތައް ހުންނާނެ ކަމަށާއި އޭގެ އިތުރުން ކައިބޮއި ހެދޭނެ ސްޓޯލުތަކެއްވެސް ހުންނާނެ ކަމަށެވެ.

އެ އިމާރާތުގެ 50 ޕަސެންޓު ނިމިފައިވާއިރު ރޫފް ފެބްރިކޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ. އެތަން ހިޔާ ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ފުޑްކޯޓުތަކުގެ މަަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތްތައް ކަމަށް އެޗްޑީސީއިން ބުނެއެވެ.

އަދި މަހާއި ދިވެހި އުފެއްދުންތައް ވިއްކުމަށް 63 ސްޓޯލް އަދި ކެފޭ ސްޓައިލަށް ހިންގުމަށް އަށް ސްޓޯލް ގާއިމު ކުރާނެއެވެ.

މި އިމާރާތުގެ މަސައްކަތް ކުރަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ.