މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، މުދާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ސައީދު ވިޔަފާރިވެރިންނާ މަޝްވަރާކުރެއްވިކަން އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ނަމަވެސް މި މަޝްވަރާތަކާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މުދާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާބެހޭ ގޮތުން ވިޔަފާރިވެރިންނާއި މަޝްވަރާ ކޮށްފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން ދާދިފަހުން ވަނީ މާލޭތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރަން ނިންމާފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުގައި، މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް އަދި ކައްކާ ގޭސް އެއް ތަނުން އަނެއްތަނަށް އުފުލޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ބަދަލަކީ މާލޭގެ މަގުތައް ތޮއްޖެހި، އާންމު ރައްޔިތުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މައްސަައަށް ލުޔެއް ހޯދުމަށް ސަރުކާރުން ގެނެސްފައިވާ ބަދަލެކެވެ.