ފަތުރުވެރިކަމުގެ ބޭނުމަށް ޓްއަރިޒަމް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްޤީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް ޓްއަރިޒަމް މިނިސްޓްރީން ޤަވައިދެއް ހަދައިފިއެވެ.

އިއްޔެ އަމަލު ކުރަން ފެށި ޤަވައިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމައި ހިންގަންފެށުމަށް އިތުރު މުއްދަތެއް ދިނުމާއި ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުގެ ބާރު މިޤަވައިދުގެ ދަށުން ޓްއަރިޒަމް މިނިސްޓްރީ އަށް ލިބިގެންވެއެވެ.

"ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވުމުގެ ކުރިން މި މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ޕީރިއަޑު ހަމަވާ ތާރީޚުން ފެށިގެން "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިޚްތިޔާރު ވެސް ޤަވައިދުގެ ދަށުން މިނިސްޓްރީ އަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މިހާތަނަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާ، މީގެ ކުރިން އެހެން އުސޫލެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ފަސްކޮށްދީފައިވާ ނަމަ، އެ ކުއްޔާއި ޖޫރިމަނާ ދައްކާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެ ތަނެއް ހިންގަން ފަށާތާ ގިނަވެގެން 5 ވަނަ އަހަރުން ފެށިގެން، ތަން ކުއްޔަށްދީފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް ބަހައިލައިގެން ކަމަށް ޤަވައިދު ބުނެއެވެ.

ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށްޓަކައި، މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، އެ ފަދައިން ބަންދުކުރަން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިޚްތިޔާރު ވެސް ޤަވައިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާރު ވެސް ވަނީ ބައެއް ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. ކުއްޔާއީ ޖޫރިމަނާ ފަަސްކޮށްދީފައިވާ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ސީނިއާ މެންބަރުންގެ މަސްލަހަތު އޮންނަ ރިސޯޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިކަމެތި މީިހާ

    އަޅުގަނޑު މެންފަދަ ނިކަމެތި ރައްޔިތުން އަތުން ދިވެހި ބޭންކުތަކުން ނަގަމުން ގެންދާ ލޯނު އިންޓްރެސްޓް ނެގުންފަސްކޮއްދޭ ބިލެއް މަޖުލިސް ތަޅަމަށް ވައްދަދޭން ކެރޭނެ އެއްވެސް މެންބަރަކު އެބަހުރިބާ؟؟؟ ފަންސާސްހާސް ނަގާފަ އެބަޖެހޭ ހަތްދިހަ ފަސްހާސްވަރުދައްކަން. ރިސޯޓް ހަދަން ގެންނަ ތަކެތިން އެއްވެސް އިންޓްރެސްޓެއް ނުނަގާ ކިހާރަގަޅު ތިފޮނުވި ބިލު