ދިވެހި ރާއްޖެއިން އެންމެ ގިނައިން ރޯމަސް ބޭރުކުރާ އެއްގައުމު ކަމަށްވާ ތައިލޭންޑްގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު 20 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

ފިޝަރީސް މިނިސްޓްރީން ނެރެފައިވާ ހަފްތާ ރިޕޯޓްގައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަ މަސް ޓަނެއް ގަންނަމުން ގޮސްފައިވަނީ 15420.00ރ. އަށްކަމަށާއި ނަމަވެސް ކުރީ ހަފުތާގައި ކަޅު ބިލަމަހުގެ އަގު ހުރީ 19275.00ރ. ގެ އަގެއްގައި ކަމަށެވެ. އެހެންކަމުން މި އަދަދަކީ ކުރީ ހަފްތާއާއި އަޅާބަލާއިރު 20 ޕަސެންޓް ދައްވުމެކެވެ.

އެ ރިޕޯޓްގައި އިތުރަށްވަނީ ޖަޕާނުގެ ބާޒާރުގައި ލޯ ބޮޑު ކަންނެލީގެ އަގު ވެސް ދަށަށް ގޮސްފައިވާ ކަމަށެވެ. މިހާރު ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް ހުރީ 325.82ރ. އަށެވެ. މީގެ ކުރީ ހަފުތާގައި ލޯބޮޑު ކަންނެލި ކިލޯއެއް 472.96ރ. ވިއްކާފާއިވާއިރު މިއަގާއި އަޅާބަލާއިރު އެއީ 31.11 ޕަސެންޓް ދަށް ވުމެކެވެ.

ރާއްޖޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ރާއްޖޭގެ ކުންފުނިތަކުން ފިނި ކުރި މަސް ގައްނަމުން އަންނަނީ 20 ރ. އަށެވެ. ބޮޑު ކަންނެލީގެ އަގު ވަނީ ރާއްޖޭގެ ބާޒާރުގައި ކުޑަކޮށް އުފުލިފައެވެ. ބޮޑު ކަންނެލި ކިލޯއެއް މިދިޔަ ހަފުތާގައި 40.86ރ. ހުރި ނަމަވެސް މިހާރު ކަންނެލި ކިލޯއެއް ގަންނަނީ 44.47ރ. އަށެވެ. މިއީ 8.84 ޕަސެންޓު އިތުރުވުމެކެވެ.

މިދިޔަ އަހަރު ދިވެހި ރާއްޖޭން 8.65 ހާސް މެޓްރިކް ޓަނުގެ ރޯމަސް އެކްސްޕޯޓް ކޮށްފައިވެއެވެ.