އެކި ރަށްރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕާރޭޝަނުން އަމިއްލައަށް ތެޔޮ އެތެރެ ކުރާނަމަ ކަރަންޓުގެ އަގު މިހާރަށްވުރެ 20 ޕަސެންޓް ކުޑަ ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމުގައި ސައީދު އިއްޔެ ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ސީދާ އެކުންފުންޏަށް އެތެރެ ކުރެވޭ ގޮތަށް ހަމަޖެހިފައި ނުވަނީ ތެޔޮ ރައްކާ ކުރާނެ ސްޓޯރޭޖެއް ނެތުމުން ކަމަށެވެ. އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން އަމިއްލައަށް ތެޔޮ އެތެރެ ކުރާނަމަ ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ފެނެކާއިން ތެޔޮ އަމިއްލަޔަށް އެތެރެކުރާނަމަ ކަރަންޓްގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓް ތިރިވާނެ." ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތެޔޮ ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސިއްޖެ ނަމަ އެއީ ފެނަކަ އަށް ކުރެވިދާނެ ކަމެއް ކަމަށާާއި އެހެން ނަމަވެސް ކަރަންޓްގެ އަގުހެޔޮ ކުރަން، އިއާދަކުރަނިވި ހަކަތައަށް ދިއުން މާ ރަނގަޅު ކަމަށެވެ. ފެނަކައިގެ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ އަމާޒަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 10 އަހަރުގެ އަމާޒަކީ އާބާދީގެ 70 އިންސައްތައަށް ރިނިއުވަބުލް އެނާޖީ ނިޒާމުން ކަރަންޓް ފޯރުކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ. މިކަމަކީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ އަގުހެޔޮކޮށް ކަރަންޓް ދެވޭނެ ހަމަ އެކަނި ގޮތްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިހާރު ފެނަކަ އަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން ގަންނަނީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ތެޔޮ ކުންފުނި އެފްއެސްއެމް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ޖަޒީރާ ރާއްޖޭގައި ކަރަންޓް ބޭނުމެއް ނުވާނެ ކަން، މަޖިލީހުގައި ތިބި ޖަޒީރާ ރާއްޖެ ކުދިން ރައްޔިތުންނަށް ކިޔައިދން ވާހަކަ..މިހާރު ހަނދާންނެތުދޯ .. ހެހެހެ

  2. ސަރުދާރ

    ޖަޒީރާވަމުން ވަމުންގޮސް ފުޅިބައްތި އާއި ފާނޫޒާއި މަދިރިދުންދަނޑިއާއި ދިޔާހަކުރާއި ވަޅޯމަހާއި ކާއްޓައް ވީމަ އަސްލުމެނިފެސްޓޯ ރަންފީޒުވާނީ..

  3. ޏ

    ޢަމިއްލަ އަށް ތެޔޮ އެތެރެ ކުރެވޭނީ ފުރަތަމަ ބަރާބަރަށް ރަށް ކަރަންޓު ފޯރު ކޮށް ދިނުމުގެ ގާބިލުކަން ހުރެގެން ދޯ . ޢެކަން ނުވެ މިކަންނުވެ ފަނުފުލުނ ދާނީ