ދިރާގު މޯލްޑިވްސް ރޯޑް ރޭސް 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ބާއްވާން ނިންމައިފިއެވެ.

މި އިވެންޓަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓެވެ. 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭސް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

ދިރާގުން ބުނީ، މި އިވެންޓްގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތަކުން މި އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން 20 ޖުލައި 2019 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެއެވެ.

އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެ ކަމަށާއި، މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އަދި ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.