ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޕަސްކޯލް އަށް 50 އަހަރު ފުރުމުގެ މުނާސަބާ ސޯސަން ފިހާރަ އިން ފާހަގަކޮށްފިއެވެ.

ސްޕެއިން އަށް ނިސްބަތްވާ މި ބްރޭންޑުގެ ޔޯގަޓާއި އެހެނިހެން އުފެއްދުންތައްވެސް ރާއްޖެ އެތެރެކޮށް މާކެޓު ކުރަމުން ގެންދަނީ ސޯސަން ފިހާރަ އިންނެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ވެސް ވަރަށް ބާރަށް ވިކެމުންދާ ޕްރޮޑަކްޓެކެވެ.

މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޖަމީލް ވަނީ މި ބްރޭންޑު ރާއްޖެ އަށް ތައާރަފް ކުރި ހިސާބުން ފެށިގެން މީހުންނަށް މި ބްރޭންޑު ކަމުދިޔަ ކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ދުނިޔެއަށް މަޝްހޫރު ޕަސްކޯލް ބްރޭންޑަށް 50 އަހަރު ފުރުން ފާހަގަކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ދުނިޔެއަށް މަޝްހޫރު ޕަސްކޯލް ބްރޭންޑަށް 50 އަހަރު ފުރުން ފާހަގަކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

"މި ބްރޭންޑު ރާއްޖެ އަށް ތައާރަފް ވި ހިސާބުން ފެށިގެން ވެސް ވަރަށް ބޮޑެތި ކާމިޔާބީ ތަކެއް ހާސިލް ކޮށްފައިވާ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑަކަށް މި ބްރޭންޑު ވެގެން ގޮސްފައި މި ވަނީ" ޖަމީލު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ސޯސަން ފިހާރައިގެ އިސް ވެރިން ރާއްޖެ އަށް ބޭރުގެ އެކިއެކި ބްރޭންޑުތައް ތައާރަފް ކުރަން ފެށި ހިސާބުން ރާއްޖޭގެ ރާއްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ ކަމަށާއި، މިފަދަ ކޮލިޓީ ބްރޭންޑުތައް ތައާރަފް ކުރާތީ ސޯސަން ފިހާރައިގެ މެނޭޖްމެންޓަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕަސްކަލްގެ ރައީސް އާއި ސީއީއޯގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައި ވާއިރު، ސޯސަން ފިހާރަ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ފައިވާ ފަރާތްތަކަށް ޑރ. ޖަމީލް އާއި ޕަސްކަލްގެ އެކްސްޕޯޓް މެނޭޖާރ ވަނީ ހަނދާނީ ލިޔުންވެސް ހަވާލު ކޮށްފައެވެ.

ސޯސަން ފިހާރަ އިން 2011ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ޕަސްކޯލް އެތެރެ ކުރަމުން ގެންދާ އިރު، އެންމެ ފުރަތަމަ މި ޕްރޮޑަކްޓަށް އޮތް ޑިމާންޑާއި އަޅާ ކިޔާ އިރުގައި މިހާރު މި ޕްރޮޑަކްޓަށް އާދަޔާ ހިލާފަށް ޑިމާންޑު އޮންނަކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ 60 ގައުމެއްގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ބޭނުން ކުރަމުން އަންނަ އިރު، ސްޕެއިންގެ ގައުމީ ޓީމާއި ރެއަލް މެޑްރިޑުގެ ކުޅުންތެރިންވެސް ބޭނުން ކުރަމުން އަންނަނީ ޕަސްކަލް ބްރޭންޑު ކަމީ މި ބްރޭންޑުގެ ކޮލިޓީ ހާމަ ވެގެންދާ ވަރަށް ފުރިހަމަ ނިޝާނެކެވެ.