ާރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ނުވަތަ އިންފްލޭޝަން މަތިވި ރޭޓު މި އަހަރުގެ ޖެނުއަރީ މަހު މަޑުޖެހިލާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިންް ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ފެބްރުއަރީ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އަހަރުން އަހަރަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު (އިންފްލޭޝަން ރޭޓް) %3.1 ގައި ހުރުމަށް ފަހު، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ރޭޓް އިތުރުވި މިންވަރު %1.1 އަށް މަޑުޖެހިފައިވާ ކަމަށެވެ.

އިންފްލޭޝަން ރޭޓް މަޑުޖެހިލުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށްވެފައިވާތީ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކަރަންޓާއި ކާޑުގެ އަގުތައް ދަށްވި ނަމަވެސް، ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް މަތިވުމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް، ހާއްސަކޮށް ތަރުކާރީގެ އަގު އެ މުއްދަތުގެ ތެރޭގައި ވަނީ މަތިވެފައި ކަމަށް އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ވަނީ ބުނެފައެވެ.

އަދި މަހުން މަހަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު އިންފްލޭޝަން ރޭޓް %9.0 ގައި ހުރުމަށް ފަހު، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންފްލޭޝަން ރޭޓް %3.0 އިން މަތިވެފައިވާކަން ވަނީ ހާމަ ކޮށްފައެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި މިކަމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކާއި ތަރުކާރީގެ އަގާއި، ދިރިއުޅޭ ތަންތަނުގެ ކުލި މި މުއްދަތުގެ ތެރޭގައި ކުޑަކޮށް އިތުރުވުމެވެ.