އީރާންގެ މައްސަލަ ގޯހުން، ގޯހަށް ދާތީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ. ތެލުގެ އަގު އުފުލެން ފަށާފައި ވަނީ ހޮރުމޫޒް ކަނޑުއޮޅީގައި ނުރައްކާ އިތުރުވެ، ތެލުގެ ސަޕްލައި މަދުވެދާނެ ކަމުގެ ބިރު ބޮޑުވަމުން އަންނާތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައިނަލްއަޤުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މިއަދު 64.02 އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ ހަފްތާ އާއި އަޅާ ބަލާއި އެކު 2 އިންސައްތައިގެ މަތިވުމެކެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރުތައް ހުއްޓުވަން އީރާނުން މަސައްކަތް ކުރާނަމަ އަދިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދާނެއެވެ.

ހުކުރު ދުވަހު އީރާނުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓުމުން ހޮރުމޫޒް ކަނޑުއޮޅީގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އެމެރިކާ އާއި އީރާންގެ ގުޅުން ވެސް ވަނީ އިތުރަށް ގޯސްވެފައެެވެ. އެންމެ ބޮޑަށް މަސްރަހު ހޫނުވެފައި ވަނީ އެމެރިކާގެ ޑްރޯންއެއް އީރާނުން ވައްޓާލުމުންނެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެކުލަވާލި ވަކިވާން ޓްރަމްޕް ނިންމި ހިސާބުން އީރާނާއި އެމެރިކާގެ ގުޅުން ވަނީ ގޯސްވެފައެވެ. އެގުޅުން އިތުރަށް ގޯސްވެފައި ވަނީ އީރާނުން އެކަހެރިކޮށް ބާކީ ކޮށްލުމަށް ޓްރަމްޕް މަސައްކަތް ފެށުމުންނެވެ.

މިހާރު އީރާނާއި، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެމެދު ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު އީރާނާއި ވަރަށް އަވަހަށް ކުރިމަތިލުމަކަށް ގައުމުތަކުން ހިނގައިދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ.