ރާއްޖޭގެ ރިސޯޓެއްގައި ފުރަތަމަ ފަހަރަށް ޓްރެވަލް ފެއާއެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (އައިއެމްޓީއެމް 2018) ގެ ނަމުގައި މިފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުދުރަންފުށި ރިސޯޓުގައެއެވެ.

އައިއެމްޓީއެމް އާއި އަދާރަން ރިސޯޓު ގުޅިގެން ބާއްވާ މި ފެއާގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން ކަމަށް އައިއެމްޓީއެމް އިން ބުނެއެވެ.

މި ފެއާގައި 20 ގައުމެއްގެ 40 ކުންފުނިން ބައިވެރިވާނެ އެވެ. ފެއާ ބާއްވަނީ އަދާރަން ސެލެކްޓް ހުދުރަންފުށީގައި ޖޫން 23-24 އަށެވެ. މި ފެއާގައި ރާއްޖޭގެ 200 ކުންފުންޏަކަށް ވެސް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއާގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ޓުއާ އޮޕަރޭޓަރުން އަަދި ޓްރެވަލް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ދޭނެއެވެ.

ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކަށް މައުލޫމާތު ދެމުން އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަރުޝަތު ވިދާޅުވީ މިފަދަ ފެއާއެއް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހެޔޮ އަގެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާއި ބައްދަލު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭޕްރިލް މަހުގެ 06 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވެއެވެ.