ޗައިނާ އިން އީރާނުގެ ސާފުނުކުރާ ތެޔޮ މިހާރަށް ވުރެ އިތުރަށް ގަންނަން ފަށައިފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށް ވެއްޓޭނެ ކަމަށް އެމެރިކާގެ ބޭންކެއް ކަމަށްވާ ބޭންކް އޮފް މެރިލް ލީންޗް އިން ބުނެފިއެވެ. މިހާރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ބައިނަލްއަޤުވާމީ ބާޒާރުގައި ހުރީ 60 އެމެރިކާ ޑޮލަރަށެވެ.

މެރިލް ލީންޗް އިން ނެރުނު ގްލޯބަލް ރިސާޗް ރިޕޯޓްގައި ބުނީ އެމެރިކާ އާއި ޗައިނާ އިން ކުރަމުން ގެންދާ "އިޤުތިޞާދީ ހަނގުރާމައަށް" ނިމުމެއް ނުގެނެވިއްޖެނަމަ އީރާންގެ ސާފުނުކުރާ ތެޔޮ ޗައިނާ އިން އިތުރަށް ގަތުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ ތެލުގެ އަގަށް އާދަޔާއި ހިލާފު ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ.

"އެހާލަތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 20 ޑޮލަރާއި 30 ޑޮލަރާއި ދެމެދުގެ އަދަދަކަށް ވެއްޓޭނެއެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮ ވުމަކީ އެމެރިކާ އަށް ލިބޭ އިޤުތިޞާދީ ގެއްލުމެކެވެ. ތެޔޮ ނަގަން އެމެރިކާ އިން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ ނަގަން އެވަރުގެ ހޭދައެއް ކުރާކަށް ނުޖެހެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާ އިން އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް 10 އިންސައްތަ އަށް ބޮޑުކޮށްފައެވެ. އެކަމުގެ ބަދަލު ހިފަން ޗައިނާ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ އެމެރިކާގެ އިޤުތިޞާދަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް އިޤުތިޞާދީ މާހިރުން ލަފާކުރެއެވެ.

ޗައިނާ އާއި އެމެރިކާގެ ދެމެދުގައި މިހާރު އުފެދިފައި އޮތް އިޤުތިޞާދީ އަރައިރުންތަކަށް ހައްލެއް ހޯދަން މަޝްވަރާ ކުރަން ވަނީ ތާވަލް ކުރެވިފައެވެ. ނަމަވެސް އެމަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ. ސަބަބަކީ ގޮތް ދޫކުރަން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުން ނުވާތީއެވެ.